މައްކާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާ، ސައުދީ އަރަބިއްޔާގައި މިހާރު ހަރަކާތްތެރި ވަމުންދާ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ބައްދަލު ކޮށްފިއެވެ.

މި ބައްދަލުވުމުގައި ޙައްޖުގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން އެކުދިންގެ ޚިޔާލާއި، ޙައްޖުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައި ވާކަމަށް، ދިވެހި ޙައްޖު މިޝަން އިން ކުރި ޓްވީޓެއްގައި ވަނީ ފާހަގަ ކޮށްފައެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ ސައުދީގައި ހުންނަ ދިވެހި ޙައްޖު މިޝަންގެ އޮފީހުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙައްޖުވެރިނާ ތަޒްކިޔާ ގްރޫޕްގެ ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާގަ/ފޮޓޯ: ދިވެހި ޙައްޖު މިޝަން

މަތިވެރިވެގެންވާ ޙައްޖުގެ އަޅުކަން އެދިގެން ސައުދީއަށް ދަތުރުކުރާ ދިވެހިންގެ ކަންކަން ވީ އެންމެ ގާތަކުން ބަލާ، އެހީތެރިކަމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ދިވެހި ޙައްޖު މިޝަން އެއް ކޮންމެ އަހަރަކުވެސް އެކުލަވާލައެވެ.

މުސްލިމު އާބާދީގެ ނިސްބަތުން ގައުމުތަކަށް ދޫކުރާ ޙައްޖު ކޯޓާގެ ދަށުން، މިއަހަރު ދިވެހިރާއްޖެއިން 2000 ހައްޖާޖީން ސައުދީއަށް ދަތުރު ކުރާނެއެވެ. ދިވެހި ޙައްޖު މިޝަންއިން ދަނީ، ސައުދީއަށް ދަތުރުކުރާ ޙައްޖުވެރިންނާ ގުޅުން ހުރި އެންމެ ފަހުގެ ހަބަރުތައް އެ މިޝަންގެ ޓްވިޓާއާއި ފޭސްބުކް ޕޭޖު މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.