ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ 12 ގަޑިއިރަށް ވުރެވެސް ގިނައިރު ފަހުން، އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއާއި އެ ސަރަހައްދާ ކައިރި ސިޓީތަކަށް ކަރަންޓްގެ ޚިދުމަތް މިހާރު ލިބެން ފަށާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތުތަކުން ފެށިގެން އިންޑޮނޭޝިއާގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާއިރު، އެކަމުގެ އަސަރު، އެތައް މިލިއަން ބަޔަކަށް ދަނީ ކުރަމުންނެވެ.

މޯބައިލް ފޯނުގެ ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުންދާއިރު ބޮޑެތި މެޓްރޯ ސްޓޭޝަންތައްވެސް ވަނީ ހުސްކޮށްފައެވެ.

އިންޑޮނޭޝިއާގެ ދައުލަތުން ހިންގާ ކަރަންޓް ކުންފުނި ޕީއެލްއެންއިން ބުނީ ވެރިރަށް ޖަކާޓާއާއި އެ ސަރަހައްދުގެ ސިޓީތަކުން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ކަރަންޓްގެ ޚިދުމަތަށް ބުރޫއެރުމަކީ އިންޑޮނޭޝިއާގައި އާންމު ކަމެއް ނަމަވެސް، ވެރިރަށް ޖަކާޓާއިން ކަރަންޓްގެ ޚިދުމަތް، މިހާ ގިނަ ވަގުތަށް ކެނޑިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.