މެދު ރާސްތާ މިސައިލް ނިޒާމެއް ވަރަށް އަވަހަށް އޭޝިއާ ބައްރުގައި ގާއިމު ކުރަން އެގައުމުން ބޭނުންވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މި ފިޔަވަޅަކީ ޗައިނާ "ރުޅިއެރުވުމުގެ" ރޫހުގައި އަޅާ ފިޔަވަޅެއް ކަމަށް މުރާސިލުން ދަނީ ސިފަކުރަމުންނެވެ.

ރަޝިޔާއާ އެކު އެކުލަވާލާފައި އޮތް އިންޓަމީޑިއޭޓް-ރޭންޖް ނިއުކްލިއާ ފޯސަސް (އައި.އެން.އެފް) އެގްރީމަންޓުން އެމެރިކާ މިދިޔަ ހުކުރު ދުވަހު ވަކިވެފައި ވާއިރު، މިފަދަ މިސައިލް ނިޒާމެއް ގާއިމު ކުރުމުގެ ފުރިހަމަ މިނިވަންކަން އެމެރިކާއަށް މިހާރު ލިބިގެން ވާކަމަށް އެސްޕާ ވިދާޅުވިއެވެ.

ފަހުން ކުރަން މަޑުކުރުމަށް ވުރެ ވީ އެންމެ އަވަހަކަށް އެކަން ކުރަން ބޭނުންފުޅު ވާކަމަށް އެސްޕާ ވަނީ ވިދާޅުވެފައެވެ. އޭޝިއާ ބައްރަށް ކުރައްވާ ހަފުތާއެއްގެ ދަތުރުފުޅު ފައްޓަވާ ވާހަކަފުޅު ދައްކަވަމުން އެސްޕާ ވިދާޅުވީ، މަސްކޮޅެއްގެ ތެރޭގައި އެކަން ކުރަން ބޭނުންފުޅު ވާކަމަށާ ނަމަވެސް، މިފަދަ ކަންކަމަކީ އުއްމީދުކުރާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަވާ ކަންކަން ކަމަށެވެ.

މިކަމަކީ ހައިރާންވާންވީ ކަމެއް ނޫންކަމަށާ، އެމެރިކާއިން މިފަދަ ވާހަކަތަކެއް ދައްކަމުން ދާތާ ދުވަސްކޮޅެއް ވެފައިވާކަންވެސް އެގައުމުގެ ދިފާއީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އައި.އެން.އެފް އެއްބަސްވުމަކީ ދުނިޔޭގައި އަސްކަރީ ހަތިޔާރު އުފެއްދުމުގެ ރޭހެއް ފެށުނަ ނުދީ ހުއްޓުވުމަށް އެޅުނު އެންމެ ވަރުގަދަ ބިންގާ ކަމުގައި ވީ ނަމަވެސް، މިފަދަ އެއްބަސްވުމެއްގެ ސަބަބުން ބައެއް ގައުމުތަކަށް، ވަކިން ހާއްސަކޮށް ޗައިނާ ފަދަ ގައުމުތަކަށް މިފަދަ ހަތިޔާރު އުފެއްދުމަށް އިތުރު ބާރެއް ލިބިދީފައި އޮތް ކަމަށް ސިފަކުރެވެއެވެ.

ޗައިނާގެ އަސްކަރީ ބާރުވެރިކަން ގަދަކުރަމުންދިއުމުގެ ސަބަބުން އަވަށްޓެރި ބައެއް ގައުމުތަކުން ކަންބޮޑުވުންފާޅުކުރަމުންދާއިރު، އެމެރިކާގެ މެދު ރާސްތާ މިސައިލްގެ ނިޒާމު ގާއިމުކުރާނީ އޭޝިއާގެ ކޮން ސަރަހައްދެއްގައިކަން އެސްޕާ ހާމަކުރައްވާފައެއް ނުވެއެވެ.