އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކަށް އޭނާ ދެއްވި އިންޓަވިއުއެއްގައި އޭނާއަށް އިންޒާރު ދެއްވި ބޭފުޅަކީ ހޯމް މިނިސްޓަރު ޝެއިޚް އިމްރާމް އަބްދުﷲ ކަމަށް ވިދާޅުވެއްޖެއެވެ.

ލުތުފީ ވިދާޅުވީ އިމްރާން އޭސީސީއަށް ވަޑައިގެންވެސް އިންޒާރު ދެއްވި ކަމަށާ އަދި ފޯނު ކުރައްވާފައިވެސް އިންޒާރު ދެއްވި ކަމަށެވެ.

"އަޅުގަނޑުގެ އޮފީހަށް ގޮސް އިންޒާރު ދީފައި އެންގީ އޮފީހަށް ނުކުމެގެން ނުވާނެ ކަމަށާ، އަޅުގަނޑުގެ ނަމުގައި ހުރި ބޯޓު ފަހަރާއި ބިންތަކާ، ދެން ނޭނގެ. އެ އެއްޗެހި ހޯއްދަވާފަ ހަބަރު ކުރައްވާނެ ކަމަށް މި ބަލަނީ" ލުތުފީ ވިދާޅުވެއެވެ.

ސަންގު ޓީވީ އާއި ޗެނަލް 13 އަށް ލުތުފީ ދެއްވި އިންޓަވިއުގައި އިމްރާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ވިދާޅުވީ، 'ލުތުފީ ފުރޭމް ކުރައްވައިގެންވެސް ހައްޔަރު ކުރެއްވިދާނެ' ކަމަށް އިމްރާން ވިދާޅުވި ކަމަށެވެ. އަދި ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިއްބަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށްވެސް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވިދާޅުވެއެވެ.

ލުތުފީ ވިދާޅުވާ ގޮތުން އޭނާއަށް ތަފާތު އެކި ފަހަރު މަތިން އިމްރާން އިންޒާރު ދެއްވިއެވެ. އެގޮތުން އާރަށުގައި ހުންނަވައިގެންވެސް އިންޒާރު ދެއްވި ކަމަށާ، ކޮން ބައެއްކަން ނޭނގޭ ބަޔަކުވެސް އިންޒާރު ދިން ކަމަށް ވިދާޅުވެއެވެ.

އޭނާ އެ މައްސަލަތައް ކަމާ ބެހޭ އެއްވެސް އިދާރާއަކަށް ރިޕޯޓު ނުކުރެއްވީ ކީއްވެތޯ ޕްރެސެންޓަރު އެހުމުން ވިދާޅުވަނީ އެކަން ނުކުރެއްވީ އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

ލުތުފީއަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވި ފައިވާ ބޭފުޅެއްގެ އިތުރުން، ޗުއްޓީއެއް ނެންގެވި ގޮތަށް އޮފީހަށް ނުނުކުންނަވާ އެތައް މަހެއް ވާންދެން މުސާރަ ނަންގަވަމުން ގެންދެވި ބޭފުޅެކެވެ. އަދި އޭނާ މަގާމުން ވަކި ވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން އޭނާ ވަކި ކުރަން ފާސް ކުރުމާއެކު އޭނާ އިސްތިއުފާ ދެއްވުމުންނެވެ.

ލުތުފީގެ މި ތުހުމަތު ތަކާ ގުޅިގެން ހޯމް މިނިސްޓަރުގެ ބަހެއް ލިބޭ ގޮތް އަދި ވެފައި ނުވަނީ އެމަނިކުފާނު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މައްކާގައި އުޅުއްވާތީއެވެ.