ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް އައިޖީއެމްއެޗުން ހިލޭ ސްކްރީން ކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދުގެ މެންދުރު 2:00 އިން ހަވީރު 16:00 އަށް މި ހިދުމަތް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އަދި މިއީ މުޅިން ހިލޭ ހިންގާ ޕްރޮގްރާމެއް ކަމަށާއި، މި ކްލިނިކަށް އެޕޮއިންޓްމަންޓެއް ވެސް ހައްދާކަށް ނުޖެހޭނެ ކަމަށެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ “ސާރވިކަލް ކެންސަރަ”ކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުންޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ 10 ބާވަތުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ހިމެނެއެވެ. މިއީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ކެންސަރެކެވެ.

ރަހިމުގެ ދޮރުގެ ކެންސަރަކީ ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމަށް ޖެހޭކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މިގުނަވަނަށެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު އަންހެނުންނަށް ޖެހޭ ކެންސަރުގެ ވައްތަރުގެ ތެރެއިން ދެވަނަ އަށް އެންމެ އާންމު ވައްތަރެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކެންސަރު ޖެހިގެން އަންހެނުން މަރުވުމަށް ދިމާވާ އެންމެ އާންމު ސަބަބެވެ.

ރަހިމުގެ ދޮރުގެ ކެންސަރު ގިނައިން ޖެހެނީ އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ ދެބާވަތެއް ހުރެއެވެ. އެއީ ސްކްއޭމަސް ސެލް ކެންސަރު އަދި އެޑިނޯކާސިނޯމާއެވެ.