މިއަހަރުގެ މިހާހިސާބަށް އާދެވުނުއިރު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރެވުނު މީހުންގެ އަދަދު 21000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ބަންގްލަދޭޝް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނިމިގެންދިޔަ ހަފުތާއަކީ ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ ކޭސްތައް ރިޕޯޓްކުރެވުނު ހަފުތާއެކެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް ޑެންގޫ ޖެހިގެން 1680 އަށްވުރެ ގިނަ ކޭސް ވަނީ މުޅިން އަލަށް ރިޕޯޓްކޮށްފައެވެ. އަލަށް ރިޕޯޓްކުރި ކޭސްތަކަށް ބަލާއިރު 990އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ވެރިރަށް ޑާކާއިންނެވެ. ކަންމިހެންއޮތްއިރު ޑާކާގެ ބޭރު ހިސާބުތަކުން ޑެންގޫ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ. ޑާކާގެ ބޭރު ހިސާބުތަކުން ޑެންގޫ ޖެހިގެން ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ހުކުރު ދުވަހު އުޅުނީ 4190 ގައި ކަމަށްވާއިރު، ބުރާސްފަތި ދުވަހު މިއަދަދު އުޅުނީ 3460 އަށްވުރެ މަތީގައެވެ.

ޑެންގޫ ހުން ޖެހިގެން މަރުވި މީހުންގެ އަދަދު 50 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެކި ހޮސްޕިޓަލުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، ބަމްގްލަދޭޝްގެ ހެލްތް ޑައިރެކްޓަރޭޓްއިން ބުނީ މި ބަލީގައި މަރުވެފައިވިކަން ކަށަވަރުކުރެވިފައިވަނީ 14 ކޭސްއެއްގައި ކަމަށެވެ.

ފާއިތުވީ ދުވަސްތަކުގައި ބޯކޮށްވާރޭވެހުމުގެ ސަބަބުން ބޮޑުވި ފެންގަނޑުތައް ހިނދެން ފަށާފައިވާއިރު މަދިރީގެ އުނދަގޫވެސް ބަންގްލަދޭޝްގައިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި މަރަން މެރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ބޭނުންކުރަމުންދާ ބޭހަކީ އެކަމަށް އެކަށީގެންވާ ބޭހެއް ނޫންކަމަށާ، އެ ބޭހުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ބަންގްލަދޭޝްގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.