ބެންކޮކްގެ 3 ސަރަހައްދަކަށް ބޮމުގެ ހަމަލާތަކެއް ދީ ހަތަރު މީހުން ޒަހަމްކޮށްލައިިފިއެވެ.

ދުނިޔޭގެ ބާރުތަކުގެ އިސް ޑިޕްލޮމެޓުންތަކެއް އެ ގައުމަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައި ބެންކޮކްގެ 3 ސަރަހައްދެއްގައި ހަ ބޮމެއް ގޮއްވާލި އިރު މި ހަމަލާތަކުގައި އަނިޔާވީ ހަތަރު މީހަކަށެވެ. ހަ ބޮމެއް ގޮއްވާލާފައި ވާއިރު، ފުލުހުން ވަނީ ހަތް ވަނަ ބޮން ޑިފިއުސް ކޮށްފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުރަތަމަ ގޮއްވާލި ބޮމުގެ ހަމަލާއާއި ދެވަނައަށް ގޮއްވާލި ބޮމުގެ ހަމަލާގެ އަޑު އިވުނީ ބެންގްކޮކްގެ ގަޑިން 9:00 ހާއިރުއެވެ. އަދި ތިންވަނަ ގޮއްވުމެއް ގޮއްވާލާފައި ވަނީ ފުރަތަމަ ދެ ހަމަލާއަށްފަހު މާ ގިނައިރުތަކެއް ނުވެ ބެންގްކޮކްގެ އުތުރު ފަރާތުގައި ކަމަށް މީޑިއާތަކުން ބުނެއެވެ.

އިރަވަން މެޑިކަލް ސެންޓަރާ ހަވާލާދީ 'އަލް ޖަޒީރާ ނިއުސް' އިން ބުނީ، މި ހަމަލާތަކުގައި ޒަހަމްވި ހަތަރު މީހުންނަށް ވެސް ލިބިފައިވަނީ އެހާ ސީރިއަސް އަނިޔާތަކެއް ނޫންކަމަށާއި އެމީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުން ފަރުވާދެމުން ކަމަށެވެ.

ޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހަމަލާގެ ޝިކާރައަކަށް ވެފައިވާ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ބޮން ގޮއްވާލި ވަގުތުތަކުގައި މަގުމަތި ކުނިކަހާ ސާފުކުރަން އުޅުނު ތިން އަންހެނުންނެވެ. އަދި މީޑިއާ ތަކުގައި ދައުރުވި އެމީހުން ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ތިބީ މިކަމާމެދު ވަރަށް ބޮޑު ސިހުމެއް ލިބިފައި ކަމަށް ވެސް އެ ނޫހުން ބުނެއެވެ. އަދި ހަތަރުވަނައަށް އަނިޔާވި މީހާއަކީ 77 ސްޓޯރީ ކިންގް ޕަވާ މަހަނަކޮން ބިލްޑިންގެ ކައިރިން ގޮއްވާލި ބޮމުގެ ޝިކާރައަކަށްވެ އަނިޔާވި މީހެއް ކަމަށާއި، އެ އިމާރާތަކީ އެ ސިޓީގައި ހުރި އެންމެ އުސް އެއް އިމާރާތް ކަމަށެ ވެސް ޖަޒީރާ ނޫހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ވަނީ އެގައުމުގައި އުޅޭ ދިވެހިން ހާސް ނުވުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އަދި ބޭރަށް ދާއިރު ޕާސްޕޯޓް ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

މިއަދު ބެންކޮކްގައި ބޮން ގޮއްވުމާއި ގުޅިގެން ތައިލެންޑްގެ ޕްރައިމް މިނިސްޓާ ޗަން އޯ ޗަން، މި ހާދިސާ ތަހުގީގުކުރުމަށް އަންގަވާފައި ވާއިރު، އެ ގައުމުގެ ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ދެ ފޭކް ބޮން ފެނިފައިވާ ކަން ހާމަކޮށްފައެވެ. އަދި މި ފޭކް ބޮން ފެނުމާ ގުޅިގެން ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިއްޔެ ބެންކޮކުން ފޭކް ބޮން ފެނިފައި ވަނީ އެ ގައުމުގެ އިސް ނެގުމުގެ މަތިން އެސޯސިއޭޝަން އޮފް ސައުތްއީސްޓް އޭޝިއަން ނޭޝަންސް(އޭއެސްއޭއޭއެން) ގައި ހިމެނޭ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އެކު ސަރަހައްދީ ސަލާމަތީ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ސަރަހައްދުންނެވެ. މި ފޭކް ބޮން ތަކުގެ އަމާޒަކީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ހުރަސް އެޅުން ކަމަށް ޝައްކު ކުރެވިފައި ނުވާއިރު، މިއީ ނުރައްކާތެރި ކަމެއް ނޫން ކަމަށް ބެންކޮކުން ވަނީ ނިންމާފައެވެ.

މިއަދު ބެންކޮކްގައި ދިން ހަމަލާތަކުގެ ތެރެއިން އެއްވެސް ހަމަލާއަކީ މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާ ސަރަހައްދަށް ދީފައިވާ ހަމަލާއެއް ނޫނެވެ. ނަމަވެސް، ތައިލެން ސަރުކާރުން ވަނީ އެގައުމުގެ ސަލާމަތީ ކަންކަން ވަރުކަދަ ކޮށްފައެވެ.