އާސަންދައިގެ ދަށުން އިންޑިއާގައި ބޭސްފަރުވާ ކުރަމުންދާ ބަލިމީހުންނަށް އާސަންދައިގެ ހިދުމަތް ކެނޑި، އެތައް ދިވެހިންނެއް ކޮންބޮޑުވުން ފާޅުކޮށްފިއެވެ.
އިންޑިއާގައި ބޭސްފަރުވާ ކުރަން ތިބި ދިވެހިންނަށް އާސަންދަ ނުލިބި ހަދާނެ ގޮތެއް ނޭނގިފައި ތިބިއިރު އާސަންދަ ކުންފުނިން އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ޖަވާބެއް ނުދޭތީ އާއިލާތަކުން ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. މިއަދު ހެނދުނުން ފެށިގެން އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ލިބުމުގެ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
"ދަޕްރެސް" އަށް މައުލޫމާތު ދެމުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ބޭސްފަރުވާ ހޯދަމުންދާ ދިވެހި އާއިލާއަކުން ބުނީ އެ އާއިލާއިން ބޭސްފަރުވާ ހޯދުމަށް މިއަދު ހެނދުނު ހޮސްޕިޓަލަށް ދިއުމުން އާސަންދަ ހިދުމަތް ނުލިބޭ ވާހަކަ ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބަލި މީހާއަށް ކޮންމެ ދުވަހަކު ދެމުންދާ ފަރުވާ ނުދެވި އެތައް އިރަކު އެ މީހުން މަޑުކުރަން ޖެހުނު ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބަޔަކަށް އެފަދަ ދަތިތަކެއް ކުރިމަތިވުމުން އާއިލާއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ގިނަ ދުވަސް ތަކަކަށް އިންޑިއާގައި ބޭސްފަރުވާއަށް ދާން ޖެހުނު ނަމަވެސް އާސަންދައިންނާއި އެންސްޕާއިން އެކަށީގެންވާ އެހީތެރިކަމެއް ނުދޭ ކަމަށްވެސް އެ އާއިލާއިން ބުނެއެވެ. މިހާރުވެސް އެތައް ދުވަހެއް ވަންދެން އެ އާއިލާއިން ބޭސްކުރަން އިންޑިއާގައި ތިބި އިރު ދުވަހުން ދުވަހުން ހޯދަމުން އައި ޓްރީޓްމަންޓްތައް މަޑުޖެހި މިފަދަ ބުރޫއެއް އެރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން އާއިލާއިން ބުނީ ކޮންމެ ދުވަހަކު ދޭންޖެހޭ ރޭޑިއަޝަނަށް އާސަންދައިން ފައިސާ ދައްކާފައި ވީ ނަމަވެސް މީހާރު ދޭންޖެހޭ ކީމޯއަށް އާސަންދަ ނުލިބުމުގެ ސަބަބަުން މެދުކެނޑުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.
މިކަމުގައި އާއިލާއިން ވަނީ އާސަންދައަށް ގުޅާފައެވެ. ދެން ހެދޭނެ ގޮތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ކުރުމުން އާސަންދައިން ބުނެފައިވަނީ އިދާރީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ހިދްމަތް މިވަގުތު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އާސަންދައިން ބުނެފައި ވަނީ އެ ހިދުމަތް ލިބޭނީ ދެތިން ދުވަސް ފަހުން ކަމަށާއި އެކަން ވެސް ޔަގީން ނުވާ ކަމަށް އާއިލާއިން ބުނެއެވެ.
މީގެ އިތުރުން ބޭސްފަރުވާ އަމިއްލައަށް ހަރަދުކޮށްގެން ކޮށްފި ނަމަ އާސަންދައިން އެބައި ރީފަންޑް ކޮށްދޭނަންތޯ އާއިލާއިން ސުވާލު ކުރުމުން އާސަންދައިން ވަނީ އެ ހިދުމަތް އެގޮތަށް އެކުންފުނިން ކޮށްދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ބަލިމީހާއާއި އާއިލާއިން ކަން ކުރަންވީ ގޮތެެއް ނޭނގި ތިބެން ޖެހި އާސަންދައިން އެދެވޭ ޖަވާބެއް ނުދިނުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދަން އާސަންދައަށް ގުޅުމުން އެ ފަރާތުން އެއްވެސް މައުލޫމާތެއް މީޑިއާ އާ ހިއްސާކޮށްފައެއް ނުވެއެވެ. އަދި މިވަގުތު ޖަވާބެއް ދެވެން ނެތް ކަމަށާއި މެނޭޖްމަންޓުން ވަކި އެއްޗެއް ވިދާޅުނުވާތީ ކަމަށް އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އާސަންދައިގެ ހިދުމަތް މެދުކެނޑިފައި ވާއިރު ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން ގަވާއިދުން އާސަންދަ ލިބެމުން ދިޔަ ބައެއް މީހުނަށް މިހާރު އާސަންދަ ދިނުމުގައި ދަތި ކުރާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.