ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ތަފާސް ހިސާބުތަކުގެ އަލީގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ، ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ތައްޔާރު ކުރެވުނު "ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" އިފްތިތާހް ކުރުމުގެ ގޮތުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު އަމީން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ދުވަހުން ދުވަހަށް ޖެހުން އިތުރު ވަމުން ދިއުމަކީ ކެއިން ބުއިމުގައި ގެންގުޅެވޭ ނުރަގަޅު އާދަތައް މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިފައިވާ މިއާދަތަކަކީ ޅައުމުރުން ފެށިގެން އަށަގަންނަމުން ދާ ކަންކަމަށްވީ ހިނދު، މިފަދަ ހިރާސްތަކުން މުޖުތަމައު ސަލާމަތް ކުރުމަށާއި ރާއްޖޭގެ ނިއުޓްރިޝަން ހާލަތު އަދިވެސް ރަގަޅުކުރުމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ.

އެގޮތުން، މިނިސްޓަރު އަމީން ވިދާޅުވީ، މިއަދު މި އިފްތިތާހްކުރެވުނު ސްޓްރެޓަޖީއަކީ ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އެހީތެރިވެދޭނެ ސްޓްރެޓަޖީއެއް ކަމަށެވެ. މި ސްޓްރެޓަޖީގައި ހިމެނިފައިވާ މަސައްކަތްތަކަކީ ހަމައެކަނި ސިއްހީ ވުޒާރާއިން ކުރެވޭނެ ކަމެއްނޫން ކަމަށާއި، މިމަސައްކަތް ކުރުމުގައި ޝާމިލްވާ ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ޕްރައިވެޓް ކުންފުނިތަކާއި ރައްޔިތުންގެ އެއްބާރުން ވެސް ބޭނުންވާނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

"ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" އިފްތިތާހް ކުރުން / ފޮޓޯ: ހެލްތް މިނިސްޓްރީ

މީގެ އިތުރުން، މިއަދު އިފްތިތާހް ކުރި މޯބައިލް އެޕްލިކޭޝަނަކީ ވެސް ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަގަޅުކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި މުހިއްމު މައުލޫމާތުތަކެއް ލިއްބާދޭނެ އެޕްލިކޭޝަންއެއްކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި މި އެޕްލިކޭޝަންއިން ލިއްބައިދޭ މައުލޫމާތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ސިއްހީގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އަތުކުރި އޮޅާލުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ކުޑަދަރިފުޅުގެ އުމުރުގެ ފުރަތަ 1000 ދުވަހު ކުއްޖާއަށް ފުރިހަމަ ކާނާ ފޯރުކޮށްދިނުމަކީ، މައިންބަފައިންނަށް އޮތް އިހްތިޔާރެއްނޫން. އަދި ކިއެއްތަ އެއީ ކުއްޖާގެ ހައްގެއް، މައިންބަފައިންގެ ޒިންމާއެއް
މިނިސްޓަރު އަމީން

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުއްޖާގެ އުމުރުގެ ފުރަތަމަ 100 ދުވަހު ރަނގަޅު ކާނާ ފޯރުކޮށްދިނުމާ، ފުރަތަމަ 6 މަސްދުވަހު ހަމައެކަނި މައިމީހާގެ ގާތުން ކިރުދިނުމުގެ ފައިދާއަކީ ލޯމަތީ ސާބިތު ހެކި ފެންނަން ހުރި ކަންކަން ކަމަށެވެ. އަދި ކުޑަދަރިފުޅުގެ އުމުރުގެ ފުރަތަ 1000 ދުވަހު ކުއްޖާއަށް ފުރިހަމަ ކާނާ ފޯރުކޮށްދިނުމަކީ، މައިންބަފައިންނަށް އޮތް އިހްތިޔާރެއްނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަގަޅުވަމުން އައި ކަމުގައި ވީނަމަވެސް ރާއްޖެއަށް އަންނަ ހަލުއި ކުރިއެރުމާއި ތަރައްގީއާ ނިސްބަތްކުރާނަމަ، ނިއުޓްރިޝަން ހާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަނގަޅުވަމުން ނުދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ދިރާސާތަކުގެ އަލީގައި މިނިސްޓަރު އަމީން ވިދާޅުވީ، 5 އަހަރުން ދަށުގެ ކުދިންގެތެރެއިން 15 ޕަސެންޓް ކުދިންނަކީ އުމުރަށްވުރެ ބަރުދަން ލުއި އަދި އުމުރާއެއްވަރަށް އިސްކޮޅު ނުހުންނަ ކުދިން ކަމަށެވެ. އަދި 9 ޕަސެންޓް ކުދިންނަކީ ބަރުދަނާއި އެއްވަރަށް އިސްކޮޅު ފުރިހަމަވެފައިނުވާ ކުދިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފްގެ ދެކުނު އޭޝިއާޔަށް ކަނޑައަޅުއްވައިފައިވާ މަންދޫބް ޖީން ގޯ އަދި މިކަމާގުޅުންހުރި ބައެއްވުޒާރަތްތަކާއި ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާތަކުގެ ބޭފުޅުން އަދި ގުޅުންހުރި އެހެނިހެން އިދާއިރާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.