މިސްރުގެ ވެރިރަށް ގާހިރާގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ޖަލުގައި ތިބި ސިޔާސީ ގައިދީންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުމަކަށް ގެނެސް، އެ ގައިދީން ތިބި ލާއިންސާނީ ހާލަތު މިހާރުން މިހާރަށް ބަދަލު ކުރުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ – އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.

މިޖަލުގައި ތިބި ސިޔާސީ ގައިދީން މިހާރުވެސް ދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ.

އެމްނެސްޓީއިން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، ތޯރާގެ އަލް-އަޤުރާބު ޖަލުގައި ދެމުންދާކަމަށް ބުނާ ލާއިންސާނީ އަނިޔާތަކުގެ މައްސަލަތައް ބަލާ، ތަހުގީގު ކުރުމަށް މިސްރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.

"ސްކޯޕިއަން" (ނަގުލަންދާށި) ޖަލުގެ ވަނަމުން ނަންދެވިފައިވާ މި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 130 ގައިދީއަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާތާ މިހާރު 6 ހަފުތާއަށްވުރެވެސް ގިނަވެދާނެ ކަމަށް ޚަބަރު ލިބެއެވެ.

މިޞްރުގެ ހުދުމުހުތާރު ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފިކުރުގެ މީހުންގެ ތެރެއިން 1000 އެއްހާ މީހުން، މިދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، ސިޔާސީ ގައިދީންގެ ގޮތުގައި މިޖަލަށް ވަނީ ލާފައެވެ.

އެމްނެސްޓީގެ އިތުރުން މިސްރުގައި މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ބުނާ ގޮތުގައި މިޖަލުގައި ތިބި ގައިދީންނަކީ އާއިލީ ބައްދަލުވުންތަކާ، ސިއްހީ ފަރުވާގެ ހައްގުންވެސް މަހްރޫމް ކުރެވިފައިވާ ގައިދީންތަކެކެވެ.

މި ޖަލުގައި ތިބި ގައިދީންނާ ދެކޮޅަށް މިސްރުން ކުރަމުންދަނީ 2017 ވަނަ އަހަރު އެގައުމުގެ ބަންޑާރަ ނައިބު އަވަހާރަކޮށްލަން މަސައްކަތްކުރި ކަމުގެ ކުށުގެ ދައުވާއާއި، މިސްރުގެ ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ "މުސްލިމް ބްރަދާހުޑް" ޖަމާއަތަށް އެއްބާރުލުން ދިން ކަމުގެ ކުށުގެ ދައުވާއެވެ.