ދުންފަތުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުމާއި ނުރައްކަލުގެ އިންޒާރު ހިމެނޭ މަންޒަރު ނުޖަހާ ދުންފަތުގެ އެއްވެސް ބާވަތެއް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން މިއަދުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރެވޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދުން ފެށިގެން ރާއްޖޭގައި އުފައްދާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ދުންފަތް ހިމެނޭ ކޮންމެ އުފެއްދުމެއްގައި، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް، ފޮޓޯޖެހި ސިއްހަތުގެ އިންޒާރު ޖަހަންވާނެއެވެ. މި ގަވާއިދުގައި ވަނީ ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި ބަންދުކުރާ ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތަކުގެ ޕެކެޓާއި ކާޓަންގެ ބޭރުގައި ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖަހަން ޖެހޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިއަދުގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރެޓް ފޮށިތަކުގައި އިންޒާރުގެ މަންޒަރު ނުޖަހައި ނޮވެމްބަރު 30، 2019 އާ ހަމައަށް ދުންފަތުގެ ބާވަތްތައް ވިއްކޭނެކަމަށެވެ. އަދި އޭގެ ފަހުން އިންޒާރު ފޮޓޯ ނުޖަހާ އެއްވެސް ދުންފަތުގެ ބާވަތެއް ނުވިއްކޭނެ ކަމަށެވެ.
މި ގަވާއިދާއި ހިލާފުވެއްޖެނަމަ، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާ އެހެނިހެން ފީތަކުގެ ޖުމުލަ އަދަދުގެ 10 ގުނައިން ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި މި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، ކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމުލަ އަދަދުގެ 10 ގުނައިން ޖޫރިމަނާގެ އިތުރުން 5000 ރުފިޔާ، ތިންވަނަ ފަހަރަށް 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން މި ގަވާއިދާ ހިލާފު އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި، އިހްތިޔާރު ލިބިފައިވާ ފަރާތުގެ ބާރުގެ ދަށަށްގެނެސް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެމަތިން ނައްތައިލެވިދާނެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ހިމެނެނީ، ޕެކެޓްކުރުމަށް ނުވަތަ ލޭބަލްޖެހުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް ތިމާއަށް އެކަން އެނގިހުރެގެން ނުވަތަ ނޭނގިގެންނަމަވެސް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރުމަށް ނުވަތަ މި ގަވާއިދުގެ މާއްދާއަކާ ހިލާފުވުމަށް ބޭނުންކުރެވިދާނެ ގޮތަށް އަތުގައި އޮންނަ އެއްޗެއް ނުވަތަ މެޝިނެއް ނުވަތަ ލިޔުމެކެވެ.
އަދި ދުންފަތުގެ ބާވަތްތަކުގައި ހުންނަންޖެހޭނެކަމަށް މި ގަ ވާއިދުގައި ބުނެފައިވާ މިންގަނޑުތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ދުންފަތުގެ ކޮންމެ އެއްޗަކާއި، ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ބަޔަކުމީހުން ގަސްތުގައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ބަހައްޓައިފައިހުރި އަސްލުނޫން ދުންފަތުގެ ބާވަތްތައް ނައްތާލެވިދާނެއެވެ.