ބްރެޒީލްގެ ޖަލެއްގައި އޮތް ދެ ގޭންގެއްގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާ، ގައިދީންތަކެއް މަރާލައިފިއެވެ.

މި ހަމަނުޖެހުންތަކުގައި މަރާލި ގައިދީންގެ އަދަދު 57 އަށް އަރާފައިވާއިރު އޭގެ ތެރެއިން 16 މީހެއްގެ ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކޮށްލާފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ފިތިބާރުވެ ތޮއްޖެހިފައި އޮތުމުގެ ސަބަބުން ޖަލުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ބްރެޒީލް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ވަނީ ނުކުޅެދިފައެވެ.

ޖަލުގައި ޤަތުލުއާންމު ހިންގާ ގިނަ އަދަދެއްގެ ގައިދީން މަރާލާފައިވަނީ އަލިފާންގަނޑެއް ރޯކޮށްލައިގެން ކަމަށްވާއިރު، މިކަން ކޮށްފައިވަނީ ސެކިއުރިޓީ ބަލަހައްޓަން ތިބި ދެ ގާޑަކު ރަހީނުކުރުމަށްފަހުގައި ކަމަށް ޚަބަރު ލިބެއެވެ.

ޤަތުލުޢާންމު ހިންގި ޖަލުގެ ޑައިރެކްޓަރު ވިދާޅުވީ، މިފަދަ ކަމެއް ހިންގަން އުޅޭ ކަމުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ދުރާލާ ލިބިފައި ނުވާކަމަށާ، މި ޤަތުލުޢާންމަކީ ބަދަލަށް ބަދަލު ހިފުމުގެ ގޮތުން ހިންގި ޖަރީމާއެއް ކަމަށެވެ.

މީޑިއާގައި ދައުރުވަމުންދާ ބައެއް މަންޒަރުތަކަށް ބަލާއިރު، ބޯބުރިކޮށްލާފައިވާ ގައިދީންގެ ބޯބުރިތަކުގައި ގައިދީން ފައިންތަޅާ އުފާފާޅުކުރަމުންދާ މަންޒަރު ފެނިގެންދެއެވެ.

މިއަހަރުގެ މެއި މަހުވެސް ބްރެޒީލްގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ 55 މީހެއްގެ ފުރާނަ ވަނީ ދުއްވާލާފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ބްރެޒީލްގެ އެކި ޖަލުތަކުގައި 750000 ގައިދީން އެބަތިއްބެވެ. މުޅި ދުނިޔެއަށް ބަލާއިރު ބްރެޒީލްއަކީ 3 ވަނައަށް އެންމެ ގައިދީން ގިނަ ގައުމެވެ.