ސޫރިޔާގައި ކުރަމުންދާ ހަނގުރާމަ ބައިނަލްއަގުވާމީ ރާޑަރަށް މިހާރު އަރަމުންނުދާކަން ފާހަގަކުރައްވާ، އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލެޓް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

2011 ވަނަ އަހަރު ސޫރިޔާގެ ދާހިލީ ހަނގުރާމަ ފެށިގެން އައި ދުވަސްވަރު ދުނިޔޭގެ ކަންބޮޑުވުންތައް އާންމުކޮށް، ފާޅުކުރަމުންދިޔަ ކަމަށާއި ނަމަވެސް މިއަދު އެކަން ފެންނަން ނެތްކަން ބެޝެލެޓް ފާހަގަކުރެއްވިއެވެ.

މިހާރުވެސް ކޮންމެ ހަފުތާއަކު އެތައް ފަހަރެއްގެ މަތިން ސޫރިޔާއަށް ހަމަލާތައް ދީ، އާންމުން މަރާ، ގިނަ ބަޔަކު ނުކުޅެދުންތެރި ހާލަތަކަށް ވައްޓާލަމުންދާކަމަށާ، ނަމަވެސް މިއަދު ދުނިޔެ އޮތީ އެކަން "ވަރިހަމަ" އޭ ބުނާފަދަ ގޮތަކަށް "ކޮނޑުއަރުވާލައިގެން" ކަމަށް ބެޝެލެޓް ވަނީ ސިފަކުރައްވާފައެވެ. ހަމަ މިއާއެކު ސޫރިޔާގެ ދާހިލީ ހަނގުރާމައަށް ހުއްޓުމެއް ގެނައުމަށް މަސައްކަތް ނުކުރެވޭ ދަރަޖައަށް އދގެ ސަލާމަތީ މަޖިލިސްވެސް "ވާގިނެތިފައި" ވާކަމަށް ބެޝެލެޓް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުން އިންތިހާއަށް ފެއިލްވުމުގެ ނަތީޖާއަކަށް ވެފައިވަނީ، ސޫރިޔާގައި އުފެދިފައިވާ ކާރިސާ ވަޒަންކޮށްލުމަށް މުޅި ދުނިޔެ ނުކުޅެދުން ކަމަށް ބެޝެލެޓް ވިދާޅުވިއެވެ.

ސޫރިޔާގައި ކުރަމުންދާ ހަނގުރާމައަށް އަދިވެސް ހުއްޓުން އައިސްފައި ނުވާއިރު، ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރު އޮތް ހަމައެކަނި ސަރަހައްދުގެ ކޮންޓްރޯލް ސަރުކާރަށް ނެގުމަށް ދެމުންދާ ހަމަލާތަކުގައި އާންމުންގެ 450 މީހުން މަރުވެފައިވާއިރު، ޖުލައި މަހުގެ 16 ވަނަ ދުވަހާ 26 ވަނަ ދުވަހާ ދެމެދު ފާއިތުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި އެކަނިވެސް 90 އެއްހާ އާންމުން ވަނީ މަރާލާފައެވެ.

ސޫރިޔާގެ ހަނގުރާމައަށް 8 އަހަރުފުރި 9 ވަނަ އަހަރަކަށް ގުނަމުންދާއިރު މި ހަނގުރާމާގައި މަރުވި މީހުންގެ އަދަދު އަންދާޒާކޮށް ކަށަވަރުކުރެވޭނެ ބަޔަކުވެސް ނެތްކަން އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.