މާލީ މަންފާއެއް ލިބިގަތުމަށްޓަކައި، އިންސާނުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުމަކަށް ގެނައުމަށް އެއްބާރުލުން ދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ގުޓެރޭޒް މިކަމަށް ގޮވާލައްވާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ.

ޖިނާއީ ކުށްވެރިން ހިންގާ އިންސާނީ ވަގުފާރީގެ ޖަރީމާގެ ޝިކާރައަކަށްވާ މީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް އެއްބާރުލުން ދިނުމަށްވެސް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް ގައުމީ ފެންވަރުގައި ގާނޫނުތަކެއް އެކުލަވާލެވިފައި ހުރި ނަމަވެސް، މި ކުށްކުރުން ހުއްޓުމަކަށް ނާންނަކަން އދއިން ފާހަގަކުރެއެވެ. ހަމަ މިއާއެކު އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަކީވެސް ޖިނާއީ ކުށްވެރިންގެ ގޮތުގައި ކަނޑައެޅިގެންދާ ހާލަތްތައް ގިނަ ގައުމުތަކުގައި މެދުވެރިވަމުން އަންކަންވެސް އދއިން ފާހަގަކުރެއެވެ. އެހެންކަމުން އދއިން މިއަހަރު އެންމެ ހާއްސަ ސަމާލުކަމެއް ދޭ އެއް ކަމަކީ، އިންސާނީ ވަގުފާރީގެ ސަބަބުން އަނިޔާ ލިބޭ މީހުންގެ ލާބައާއި މަންފާއަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ގައުމުތަކުގެ ސަރުކާރުތަކަށް އަންގައިދިނުން ކަމަށްވެސް އެއިދާރާއިން ބުނެއެވެ. ނަމަވެސް މިއީ ހަމައެކަނި ސަރުކާރުތަކަށް އޮތް ކަމެއް ނޫންކަމަށާ، ނުބައިވެގެންވާ އިންސަނީ ވަގުފާރީގެ ޖަރީމާ ހުއްޓުވުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަންވެސް އދއިން ފާހަގަކުރެއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށް އަންހެނުންނާ ކުޑަކުދިންގެ އިތުރުން ފިރިހެނުންވެސް ވެފައިވާއިރު، މި ޖަރީމާގެ ޝިކާރައަކަށް ނުވާ ހަމަ އެއްގައުމުވެސް ނެތް ކަން އދއިން ފާހަގަކުރެއެވެ. އެގޮތުން އިންސާނީ ވަގުފާރީގެ ޗޭނުގައި ހިމެނޭ މީހުން ނިސްބަތްވާ ގައުމުތަކާ، ޝިކާރައަކަށްވާ މީހުން ގެންދެވޭ ގައުމުގެ އިތުރުން ވަގުރާފީގެ މަރުހަލާގައި ޓްރާންސިޓްކުރާ ގައުމުތައް މި ލިސްޓުގައި ހިމެނޭކަން އދއިން ފާހަގަކުރެއެވެ.

މަސްތުވާތަކެއްޗާ ޖިނާއީ ކުށާ ބެހޭ އދގެ އިދާރާ (ޔޫއެންއޯޑީސީ)އިން ބުނާ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ ވަގުފާރީގެ ޖަރީމާގެ ޝިކާރައަކަށްވެގެން 225000 އެއްހާ މީހުންގެ މައުލޫމާތު ވަނީ ރެކޯޑްކުރެވިފައެވެ. ނަމަވެސް އަދި ފެންމައްޗަށް ތިލަވެފައި ނުވާ އެތައް ހާދިސާއަކާއެކު، މިއަދަދު އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވެއެވެ.