އާސަންދަ ސްކީމްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އާސަންދަ ކުންފުނިން ފަރުމާކޮށް ތައްޔާރު ކޮށްފައިވާ "ވިނަވި" ޕޯޓަލް އައްޑޫ ސިޓީގައި ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.
އާސަންދަ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، "ވިނަވި" ޕޯޓަލް އައްޑޫ ސިޓީގެ ހިދުމަތްދޭ މަރުކަޒުތަކުގައި ގާއިމް ކުރުމަށް އެކުންފުނީގެ ޓީމެއް އައްޑުއަށް ޒިޔާރަތް ކޮށްފަިއވާ ކަމަށެވެ. އަދި އިއްޔެއާ މިއަދު މި ޓީމް އައްޑޫގައި ހަރަކާތްތެރި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ވިނަވި ޕޯޓަލަކީ އާސަންދަ ސްކީމްގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަގޮތްތަކެއް ގާއިމްކޮށްދީ ހިދުމަތް ފޯރުކޮށްދިނުން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ފަރުމާކުރެވިފައިވާ ޕޯޓަލެކެވެ. ބަލިމީހާ ޑޮކްޓަރަށް ދެއްކުމަށް މެމޯ ހަައްސާ ހިސާބުން ފެށިގެން ބަލިމީހާގެ ފަރުވާ ނިމެންދެން ދެވޭ ފަރުވާއާ ބެހޭ ހުރިހާ މައުލޫމާތެއް މި ޕޯޓަލްގައިި ރައްކާކުރެވިފައި ހުންނާނެއެވެ. އަދި ބަލިމީހާއަށް ވެސް އެމީހާގެ ފަރުވާއާ ބެހޭ މައުލޫމާތު "ވިނަވި ކަސްޓަމާ" ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.
އާސަންދައިގެ ޓީމް މިހާރު އައްޑޫއަށް ކުރަމުންދާ ދަތުރު ނިމޭއިރު، އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ ސިއްހީ މަރުކަޒުތަކުން ވިނަވި ޕޯޓަލް ބޭނުން ކުރަން ފެށި މި ސިއްހީ މަރުކަޒުތައް ވިނަވީގެ ވިއުގައިން ގުޅާލެވޭނެއެވެ. އާސަންދައިގެ ޓީމުން އައްޑޫއަށް ކުރަމުންދާ ދަތުރުގައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ބައްދަލު ކުރުމަށް ފަހު، ހުޅުމީދޫ ސިއްހީ މަރުކަޒުގައި ވިނަވި ބޭނުން ކުރަން ފެށުމަށް ބޭނުންވާ އައިޓީ ސެޓްއަޕް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުުރުން އައްޑޫގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ވިނަވި ބޭނުން ކުރާ ގޮތާއި، ވިނަވި ޕޯޓަލް ބޭނުން ކުރުމުގެ ތަމްރީނުތައް ދިނުން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ބަލައި ހައްލު ކުރުމަށް ބައެއް މަރުކަޒުތަކަށް އާސަންދައިގެ ޓީމް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިވަގުތު އައްޑޫ ސިޓީގައި ބޭނުންކުރަމުންދާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތައް މިހާރުވެސް ބޭނުންކުރަނީ ވިނަވި ޕޯޓަލްއެވެ. މުޅި އައްޑޫގައި ވިނަވި ބޭނުން ކުރަން ފެށުމުން، ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގަިއ ވިނަވި ބޭނުންކުރާ ފުރަތަމަ ސިޓީއަށޤ އައްޑޫ ސިޓީ ވެގެންދާނެއެވެ. އައްޑޫގެ އިތުރުން މިހާރުވެސް ހަ އަތޮޅެއްގައި ދަނީ މި ޕޯޓަލް ބޭނުން ކުރަމުންނެވެ.
2019 ވަނަ އަހަރު ނިމުމުގެ ކުރިން މުޅި ރައްޖޭގެ ހުރިހާ މަރުކަޒުތަކުން ވިނަވި ބޭނުން ކުރަން ފެށުން ވެގެންދާނީ ރައްޔިތުންނަށް އިތުރަށް މަންފާ ކުރަނިވި އަދި ދެމެހެއްޓެނިވި އިގްތިމައީ ސިއްހީ އިންޝުއަރެންސްގެ ނިޒާމެއް ހިންގުމަށް އެޅޭ ވަރަށް މުހިންމު އަދި އަސާސީ ބިންގަލަކަށެވެ.