ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ލީބިއާގެ ސަރުކާރު ވައްޓާލުމަށް ލީބިއާގައި ހަނގުރާމަ ކުރަމުންދާ ކުރީގެ އަސްކަރީ ޖެނެރަލް ހަލީފާ ހަފުތާރުގެ ހަނގުރާމަ މަތީ ބާރުން ދިން ވައިގެ ހަމަލާތަކެއްގައި 5 ޑޮކްޓަރެއްގެ ފުރާނަ ގެއްލިފައިވާކަމަށް ލީބިއާގެ މައި ސަރުކާރުން ބުނެފިއެވެ.

ލީބިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ލަމީން އަލް ހާޝިމީ ވިދާޅުވީ ޖެނެރަލް ހަފުތާރުގެ ހަނގުރާމަވެރިން ދިން ހަމަލާ އަމާޒުވީ ވައިގެ ބަނދަރާ ދާދި ކައިރީގައި އޮޕަރޭޓްކުރަމުންދިޔަ ހޮސްޕިޓަލެއްގެ ކައިރިއަށްކަމަށެވެ. މި ހަމަލާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ބަޔަކުވަނީ ޒަހަމްވެސްވެފައެވެ.

ލީބިއަން ނޭޝަނަލް އާމީގެ ނަމުގައި ޖެނެރަލް ހަފުތާރު ގެންގުޅޭ ހަނގުރާމަތީ ބާރަކީ، ފަރަންސޭސިވިލާތާ އެކުވެރި އަރަބި އިމާރާތުގެ އިތުރުން މިސްރާ ރަޝިޔާގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންތަކެކެވެ. އދއިން ބަލައިގެންފައިވާ ލީބިއާގެ މައި ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ޖެނެރަލް ހަފުތާރުގެ ހަނގުރާމަ މަތީ ފައުޖުން ސީދާ ހަރަކާތަށް ނިކުތީ މިއަހަރުގެ އޭޕްރިލް މަހުއެވެ. އޭގެ ފަހުން މިހާތަނަށް، މި ހަމަނުޖެހުންތަކުގައި 1000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު 5000އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.