ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމާ ގުޅޭ ގޮތުން، ރޯހިންޏާ ދަރިކޮޅުގެ އިސް ލީޑަރުންނާއެކު މިޔަންމާ ސަރުކާރުގެ ހާއްސަ ވަފުދަކުން މަޝްވަރާތައް ފަށައިފިއެވެ.

މިމަޝްވަރާތައް ފަށާފައި ވަނީ، ގިނަ އަދަދަކަށް ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްގައި، އެކަމަށް ހާއްސަ ކުރެވިފައި ވާ ސަރަހައްދެއްގައެވެ.

ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރަށް އެއްބާރުލުންދޭ ފުލުހުންނާ ސަލާމަތީ ބާރުތަކުން 2017 ވަނަ އަހަރު ހިންގި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް 740000 އަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެ ވެފައި ވާއިރު، މިމީހުން ދިރިއުޅެމުން ދަނީ އިންތިހާއަށް ނިކަމެތި ހާލުގައި އޮތް ކޮކްސް ބާޒާރު ސަރަހައްދުގައެވެ.

ބަންގްލަދޭޝްގައި މިހާރު ހަރަކާތްތެރި ވަމުންދާ މިޔަންމާ ސަރުކާރުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވަނީ އެގައުމުގެ ފޮރިން ސެކްރެޓަރީ ޔޫ މީންޓް ތޫއެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނަރު މުޙައްމަދު ޢަބްދުލް ކަލާމް ވިދާޅުވީ، ދެފަރާތުންވެސް މަޝްވަރާތަކަށް ކުރަނީ އެދެވޭ އުއްމީދުތަކެއް ކަމަށާ އާދީއްތަ ދުވަހުވެސް މަޝްވަރާތައް ކުރިއަށްދާނެކަމަށެވެ.

ބަންގްލަދޭޝްގައި ތިބި ރޯހިންޏާ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމާ ބެހޭ އެއްބަސްވުމެއް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުލަވާލި ނަމަވެސް، އަދި މިހާތަނަށް އެއްވެސް ރެފިއުޖީއަކު އަމިއްލަ ރުހުމުގައި މިޔަންމާއަށް އެނބުރި ދިއުމަށް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް އުމުރު ދުވަހަށް ރެފިއުޖީންނަށް ހިދުމަތް ކުރުމުގައި ދެމި ނޯވެވޭނެކަން ބަންގްލަދޭޝްއިންވަނީ މިއަހަރުގެ ކުރީކޮޅު ބުނެފައެވެ.

މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންގެ ހަގީގީ ނަސްލު އައީ ބަންގާޅުންނެވެ. އަދި އެމީހުންނަކީ ބަންގާޅުންކަމަށް މިޔަންމާއިން ދަނީ ވަކާލާތު ކުރަމުންނެވެ. ކަންމިހެންއޮތްއިރު، ބަންގްލަދޭޝްއިންވަނީ އެއްވެސް ރެފިއުޖީއަކު އަނބުރާ މިޔަންމާއަށް ދިއުމަށް މަޖުބޫރުނުކުރާނެ ކަމަށް ބުނެފައެވެ.