ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އެކި ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝްއިން މަރުވި މީހުންގެ އަދަދު 114 އަށް އަރާފައި ވާކަމަށް ބަންގްލަދޭޝްގެ ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.

މި ހިނގާ ޖުލައި މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ބަންގްލަދޭޝްގެ 28 ޑިސްޓްރިކްޓް އަކަށް ފެނުގެ އަސަރު ކޮށްފައި ވާއިރު އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައި ވާކަމަށް ޚަބަރު ލިބެއެވެ. ހިމާޔަލާސްގެ ކޯރުތައް ފުރިގެން ބަންޑުން ވަމުންދާ ދިއުމުގެ ސަބަބުން، ބިންތިރި ބަންގްލަދޭޝްގެ އަވަށްތައް ފެނު އަޑިއަށް ގޮސްފައި ވާއިރު، ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކާ ގުޅިގެންވެސް އެތައް ހާސް ބަޔަކަށް ސިއްހީ އެހީތެރިކަން ބޭނުން ވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށީގެން 26 ވަނަ ދުވަހުގެ ނިޔަލަށް ބޭރަށް ހިންގުން ޖެހިގެން 5000 އަށްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައި ވާއިރު، ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަން ތަކުގެ ކޭސްތަކެއް ވެސް ވަނީ ފެންމަތި ވެފައެވެ. މީގެ އިތުރުން ހަރުފަ ވިހަލައިގެން ވެސް ރިޕޯޓްތައް ލިބެމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝް ގައި ހިނގަމުންދާ ފެންބޮޑުވުމުގެ ހާދިސާ ތަކަށް ބަލާއިރު، މިޔަންމާގެ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދަށް ވެސް މިކަމުގެ އަސަރު ދަނީ ކުރަމުންނެވެ.