އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުތާ މީލާދީ ސަނަތުން 54 އަހަރު ފުރުމުގެ ކުލަގަދަ މުނާސަބާ ހުކުރު ދުވަހު ފާހަގަ ކުރަމުން ދިޔަ އިރު ސަމާލުކަން ހުއްޓުވާލި އެއް ކަމަކީ، ފަހުގެ ތާރީހުގައި ނުދެކޭހާ ގިނަ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅު ތަކުން ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން ދިޔަ މަންޒަރެވެ.
މިނިވަން ދުވަހުގެ މުނާސަބާއާ ދިމާކޮށް ބޭރު ގައުމުތަކުގެ އެންމެ އިސްވެރިންނާ ޝާހީ ބޭބޭފުޅުންގެ ފަރާތްޕުޅުން ދިވެހި ދައުލަތުގެ އިސްވެރިންނާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ގެންދެވި މަރުޙަބާގެ މެސެޖު ތަކާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމު ފުރި ބަންޑުން ވިއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ވަކިން ހާއްސަކޮށް، ދިވެހިން އެބައެއްގެ އަތްދަށުން މިނިވަންކަން ހޯދި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ ފޮނުއްވި މެސެޖާ، ވިލާތާ ހުޅަނގުގެ ނުފޫޒުގަދަ ގައުމުތަކުން ދިވެހި ރައްޔިތުންނަށް ފޮނުވަމުން ދިޔަ ތަހުނިޔާގެ މެސެޖުތައް ފާހަގަ ކޮށްލެވެއެވެ.
މިނިވަން ދުވަހާ ގުޅުވައިގެން ރާވާފައިވާ އެކި އިހުތިފާލުތައް ކުރިއަށް ދަނިކޮށް މުޅި ގައުމުގެ ސަމާލުކަން ހޯދި އެއްކަމަކީ އެކުވެރި އަރަބި އިމާރާތުގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮންނަ ބުރުޖު ޚަލީފާ، ދިވެހިރާއްޖޭގެ ދިދައިގެ މަންޒަރުން ދިއްލާލި ދިއްލުން ކަމާ މެދު ޝައްކެއް ނެތެވެ. ބުރުޖު ޚަލީފާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައިވެސް މަގުބޫލު މަންޒިލަކަށް ވާއިރު، އެތަން ބަލާލަން ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ދިވެހިންގެ އަދަދުވެސް މަދެއް ނޫނެވެ. މިފަދަ ގޮތަކަށް އޮއްވާ، އެ ނަލަ އިމާރާތް ދިވެހި ގައުމީ ދިދައިން ދިއްލާލުން ވީ ހުވަފެނެއްގައި ނޫނީ ނުފެންނަ ފަދަ މަންޒަރަކަށް ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރި ދިވެހިން ބުނަމުން ދިޔައެވެ.
ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ މިފަދަ ކަންކަމަކީ ހާރިޖީ ގުޅުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފައްކާ ކުރެވިގެން ނޫނީ ނުވާނެ ކަންތައްތައް ކަމެވެ. ޔަގީނުންވެސް ފެނިގެން މިދަނީ ބައިނަލްއަގުވާމީ ބަދަހި ގުޅުމާ އެކުވެރިކަމުގެ ރަމްޒެކެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ދިވެހި ދިދައިން ދިއްލާލި ދިއްލާލުމަކީވެސް ދިވެހިންގެ އެކުވެރިކަމާ އޯގާތެރިކަމުގެ ނިޝާނެކެވެ. އިތުރު އިމާރާތެއްގެ ހިޔަނިން މަންޒަރަށް ހުރަސް ނޭޅޭހާ އުސް، ބުރުޖު ޚަލީފާ ދިވެހި ދިދައިގެ މަންޒަރުން ދިއްލާފައި ހުރިއިރު ހިތަށް ސިފަވެގެން ދިޔައީ ދިވެހިރާއްޖެއަށް ލިބިފައިވި މިނިވަންކަމުގެ ފުރިހަމަކަމެވެ. ކުރެވުނީ، އެކުވެރިކަމުގެ ހެޔޮ ނަސީބު އަތުގައި ހިފި ކަމުގެ ހިތްގައިމު އިހުސާސެކެވެ.
ޥެދާނެ ކަމެއްވަނީކަމަށްވެސް..