ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކާ ދެކޮޅަށް ނިކުންނަ ފަރާތްތައް މެރުމަށް، ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތެއްކަމަށްވާ އަލްގައިދާގެ އެހީތެރިކަން ހޯދަމުންދާކަމަށް ބުނެ، ގައުމުން ބޭރުގައި ދިރިއުޅޭ ބަހްރައިންގެ އިދިކޮޅު ލީޑަރުން، އެގައުމުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފިއެވެ.

ބަހްރައިންގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކުރާ އިދިކޮޅު ލީޑަރުންވަނީ، ލަންޑަންގައި ހުންނަ ބަހްރައިންގެ އެމްބަޒީ ކައިރިއަށް ޖަމާވެފައެވެ.

ލަންޑަންގައި ހިންގާ ބަހްރައިން ފްރީޑަމް މޫވްމަންޓްގެ ޖެނެރަލް ސެކްރެޓަރީ ސައީދު ޝިހާބީ ބުނީ، ގާނޫނީ އިމުގެ ބޭރުން ބަހްރައިންގެ ސަރުކާރުން މީހުން މަރާފައިވާކަމާ، އެކަމުގައި އަލްގައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ އެހީތެރިކަން ހޯދާފައިވާކަމުގެ ހެކި ލިބިފައިވާކަމަށެވެ.

ޝިހާބީ ވަނީ ހުޅަނގުގެ ޑިމޮކްރަސީތަކުން، ބަހްރައިންގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާދިނުމަށް ގޮވާލާފައެވެ.

މެދުއިރުމަތީގެ ހަބަރުތައް ބައިނަލްއަގުވާމީ މީޑިއާއަށް ތިލަކުރަމުންދާ އަލްޖަޒީރާއިންވެސް ވަނީ މިފަދަ ވާހަކަތަކެއް ހިމެނޭ ޑޮކިއުމަންޓްރީއެއް މީގެ ހަފުތާއެއްހާ ދުވަސްކުރިން އާންމުކޮށްފައެވެ. "ޕްލޭއިންގް ވިތް ފަޔާ"ގެ ނަމުގައި އަލްޖަޒީރާއިން ތައްޔާރުކުރި މި ޑޮކިއުމަންޓްރީ ބުނާ ގޮތުގައި، އިދިކޮޅު ޝަހްސުތައް "ނެތިކޮށްލުމަށްޓަކައި" އަލްގައިދާގެ އޭޖެންޓުން ބޭނުންކުރުމުގެ ނިޔަތުގައި ބަހްރައިންގެ ސަރުކާރުން އަލްގައިދާއާއި ގުޅުން ބާއްވާފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ބަހްރައިން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

2011 ވަނަ އަހަރު އައި "އަރަބި ބަހާރު"ގެ އޮއެވަރުގެ ތެރެއިން ގައުމުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލާ މަގުތަކަށް ނިކުމެ މުޒާހަރާކުރި ގަލްފްގެ ހަމައެކަނި ގައުމީ ބަހްރައިންއެވެ.