ޗައިނާ މައި ސަރުކާރުގެ އިދާރީ ގޮތްޕެއްގެ ގޮތުގައި ހޮންގް ކޮންގްގައި ހިންގާ ވެރިކަމުގެ ބާރާ ދެކޮޅަށް ހޮންގްކޮންގްގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާ، ޗައިނާއާއި ދެކޮޅަށް ހޮންގްކޮންގްގައި ހިންގާ ހަރަކާތްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ޗައިނާގެ މައި ސަރުކާރުން ބުނެފިއެވެ.

ހޮންގްކޮންގްގެ ކުށްވެރިން ޗައިނާއަށް ގެންގޮސްގެން ޝަރިޔަތް ހިންގާ، ހުކުމް ތަންފީޒުކުރެވިގެންދާ ގޮތަށް އެކްސްޓްރަޑައިޝަން ބިލަށް އިސްލާހު ގެނައުމާ ދެކޮލަށް މީގެ މަހެއްހާ ދުވަސްކުރިން ހޮންގްކޮންގްގައި ފެށި މުޒާހަރާތައް އާދީއްތަ ދުވަހު ވަނީ އިންތިހާއަށް ހޫނުވެފައެވެ.

ހޮންގްކޮންގްގައި ބޭނުންކުރަމުންދާ ޗައިނާގެ މައި ސަރުކާރުގެ ސިއްކައަށް ގެއްލުންދީފައިވާއިރު، މިއީ ޗައިނާގެ މައި ސަރުކާރަށާ ޗައިނާގެ ރައްޔިތުންނަށް ދެވުނު އަނިޔާއެއްގެ ގޮތުގައި ޗައިނާގެ މައި ސަރުކާރުންވަނީ ސިފަކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ހޮންގްކޮންގްގެ ރަށްވެހިން ބޭނުންވަނީ އަދުލުއިންސާފުކަމަށާ ގާނޫނުން ވެރިކަން ހިންގުމަކީ ހޮންގްކޮންގްއަށް އިންތިހާއަށް ބޭނުން ކަމެއް ކަމަށެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތުމަށްފަހު ޗައިނާއާއި ހޮންގްކޮންގް ހަވާލު ކުރެވުނީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން ހޮންގްކޮންގްއާއި ޗާއިނާގެ ގުޅުން އޮންނަނީ "އެއް ސަރުކާރެއް-ދެ ނިޒާމެއް"ގެ އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން ހޮންގްކޮންގްގެ ރަށްވެހިންނަނަށް ފަރުދީ އަދި މަދަނީ މިނިވަންކަން ލިބިދީފައި އޮވެއެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުވެސް ހޮންގްކޮންގްއަށް އޮވެއެވެ. ނަމަވެސް ފާއިތުވީ ދެތިން އަހަރެއްހާ ދުވަހަށް ބަލާއިރު، މިކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށް ހޮންގްކޮންގްގައި މިހާރު މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.