ހަރަމައިން ހައްޖު ގްރޫޕުން އިތުރަށް ފައިސާ ނަގާފައި ވާނަމަ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ހަރަމައިން ހައްޖު ގްރޫޕް ހިމެނޭ ކަމަށެވެ. ނަމަވެސް އެފަރާތަށް ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ އެކަން ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް އެނގުމަށް ފުލުހުން ބުނެއެވެ.

ހަރަމައިނި އަށް ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ނެގި މައްސަލަ ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އަންނަނީ ބަލަމުންނެވެ. އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ މީހަކަށް 69،965 ރުފިޔާ ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން ހައްޖުވެރިއެއްގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ ކަންބޮޑުވުން ފާޅުކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ފުލުހުން ބުނީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ދިވެހި ހަައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ފުރާފައި ވާއިރު އަދި މި މައްސަލަ ދަނީ ބަލަމުންނެވެ. ހަރަމައިނި ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދާ މީހުން ފުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހެވެ. ކޮންމެ އަހަރަކުވެސް ހައްޖަށް ދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ މައްސަލަ ފެންމަތި ވެއެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ފަސް ކުންފުންޏަކަށެވެ. މި ކުންފުނިތަކުގެ ތެރޭގައި، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ގުރޫޕް، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި ފަސް ކުންފުނީގެ އިތުރުން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދެން އޮންނާނީ ހައްޖު ކޯޕަރޭޝަނަށެވެ.