ކީރީތި ޤުރުއާންގެ 5 މުސްޙަފު ބެހުމަށް އުމުރުން 19 އަހަރުގެ ރީޝާ ބާރުތީގެ މައްޗަށް އިންޑިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރީޝާގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ، އިސްލާމުންގެ އާބާދީއެއްގެ ސުލްހަ މަސަލަސްކަމަށް ނުރައްކާ ކުރިމަތިކުރާ ޒާތުގެ ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން އެނާއާއި ދެކޮޅަށް ބެލި މައްސަލައަކަށްފަހު، ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރަމުންނެވެ.

ރީޝާގެ މައްޗަށް މެޖިސްޓްރޭޓް މަނީޝް ކުމާރު އިއްވި އާދަޔާ ހިލާފު ހުކުމުގައި ބުނެފައިވަނީ ކީރިތި ޤުރުއާންގެ 5 ކޮޕީ، 15 ދުވަހުގެ ތެރޭގައި ބަހަންޖެހޭނެ ކަމަށާ އަދި އެ މުސްޙަފުތައް ބެހިކަމަށް ހެކިދޭ ރަސީދުތައްވެސް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މި މުސްޙަފުތައް ބަހަންޖެހޭނީ އޭނާއާއި ދެކޮޅަށް ދައުވާ ކުރި އިސްލާމީ ޖަމިއްޔާއަށް 1 ކޮޕީ އަދި ބާކީ 4 ކޮޕީ، ކޮންމެވެސް ކުތުބުހާނާއަކަށް ލިބޭ ފަދަ އުސޫލަކުން ކަމަށްވެސް ރީޝާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ރީޝާ އާއާއި އޭނާގެ އާއިލާއިންވަނީ މި ހުކުމާ މެދު ހިތްހަމަ ނުޖެހޭކަމަށް ބުނެފައެވެ. އަދި ދީނީ މިނިވަންކަން އޮންނަންޖެހޭނެކަމަށް އޭނާ އަދިވެސް ދަނީ ވަކާލާތު ކުރަމުންނެވެ.