ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބޮޑެތި ފެކްޓަރީ ތަކެއް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެށްޓަކީ ރައްކާތެރި މާހައުލެއް ނޫންކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބްރީތްލައިފް ކެމްޕޭން އިފްތިތާހު ކުރުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާލުވީ ބޮޑެތި ފެކްޓަރީ ތައް ރާއްޖޭގައި ނެތް ނަމަވެސް ރާއްޖޭގެ ތިމާވެށްޓަކީ ރައްކާތެރި މާހައުލެއް ނޫންކަމަށާއި، ވައި ނުސާފުވުމަށް މަގުފަހިވާ ކަންކަމުން ދުރުހެލި ވުމަށް އިލްތިމާސް ކުރެއްވިއެވެ.
އަދި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ސިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި، ސްޓްރޯކް އަދި ހިތުގެ ބަލިތައްފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުންކަން ފާހަގަކޮށް ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާހު ކުރުމާއި ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިފްތިތާހު ކުރެވުނު ނޭޝަނަލް ބްރީތް ލައިފް އެކްޝަން ޕްލޭންގައިވާ ކަންކަން ހާސިލް ކުރުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަންލިބި ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމެއް ކަމުގައި ވެގެން ދިއުން ކަމަށެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދިރުއުޅޭ ރައްތަކަކީ ސިއްހަތަށް ގެއްލުންހުރި ވިހަ މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވެފައި ނުވާ ތަންތަން ކަމުގައި ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުން އަހައްމިއްޔަތުކަން ދޭންޖެހޭކަމަށެވެ.
އަދި ހަލުވި ދުވެލީގައި ތަރައްގީ ވަމުން އަންނަ މާލޭ ސިޓީ މިހާރު އޮތް ހާލަތު ބަދަލުކޮށް އަންނަން އޮތް ޖީލުތަކަށް ސާފުވައި ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ދުރުރާސްތާ ޕްލޭންތަކާއެކު ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ނައިބު ރައީސް ވަނީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް މިކަމުގައި ޝާމިލުވެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.