އާދައިގެ މަތިން ދުވަހުގެ މަސައްކަތަށް ފަށައިގަތީމެވެ. އަދާކުރަމުންދާ ޒިންމާގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން ޚަބަރުދަބުރު އޮޅުންފިލުވާލަންޖެހެއެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ބަލާލާ އެއް ދިމާލަށް ވެފައި އޮންނަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. މި ޒަމާނަކީ މަދުން ނޫނީ މުހިންމު އެސް.އެމް.އެސް ނާންނަ ޒަމާނެއްކަމުން މި ދިމާލަށް ހުންގާނު އަނބުރާލެވެނީއެވެ.

ކުއްލިއަކަށް ސަމާލުކަން ދަމައިގަތީ ޖަނާޒާއެއްގެ ޕޯސްޓަށެވެ. އެ ޒުވާނާ ހަމަލޮލުން ދުށީ އެންމެ ފަހަރަކުއެވެ. އެއީ މިދިޔަ ރަމަޟާން މަހުގެ ތެރޭގައެވެ. އޭރު އެ ޒުވާނާ ބަޔާންކޮށްދެމުން ދިޔައީ އޭނާގެ ފޮނި އުއްމީދުތަކެއްގެ ވާހަކައެވެ. ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކުގެ ވާހަކައެވެ. ކުރިމަތިލާންޖެހުނު ހުރިހާ ހުރަހެއް ގިރާކޮށް، ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކުރަމުންދާ ހިތްވަރުގެ ވާހަކައެވެ. އެ ޒުވާނާއަކީ ޖުލައި މަހުގެ 14 ވަނަ ދުވަހު މި ފަނާވަނިވި ދުނިޔެއާއި ވަކިވެގެންދިޔަ ހއ އުލިގަމު (މޫންލައިޓް) އަދުހަމް މުޙައްމަދު ނުވަތަ "އަދޫ"އެވެ.

އަދޫ އަކީ ތެލެސީމިއާ ޕޭޝަންޓެކެވެ. އެކަމަކު އޭނާގެ މަސައްކަތުން އެކަމެއް ނުފެނެއެވެ. މި ދުނިޔެއާއި ވަކިވެގެންދިޔައިރުވެސް އޭނާއަކީ ޒިންމާދާރު ޒުވާނެކެވެ. މަޝްހޫރު ޒުވާން ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހީމްގެ އޮފިޝަލް ފޮޓޯގްރާފަރެވެ. ބަރިސްތާ މޯލްޑިވްސްގެ އޮފިޝަލް ފޮޓޯގްރާފަރެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ތެލެސީމިއާ ކުދިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ޒުވާނެކެވެ. ޖަމިއްޔާތަކުގެ އިސް މަގާމުތަކަކުން ފެނުނު ޖަޑިބެކެވެ.

އަދޫގެ ކަށުކަމާ ކެމީގެ ކަންކަން ނިމި، ޖަނާޒާ ނިމި މާ ގިނައިރެއް ނުވަނީސް އަނެއްކާވެސް ހިތް ރޮއްވާލިއެވެ. މިފަހަރުވެސް ޒުވާނެއްގެ ޖަނާޒާ ޕޯސްޓެކެވެ. މިފަހަރުވެސް ތެލެސީމިއާ ޕޭޝަންޓެކެވެ. މާފަންނު ފޯމޫންސް، އިސްމާއީލު ފަޔާޟްއެވެ. މޯލްޑިވިއަން ބްލަޑް ޑޯނާޒްއިން ފާހަގަކުރާ ގޮތުގައި އަދޫ ފަދައިން ފަޔާޟްއަކީވެސް ހިތްހެޔޮ، ހިޔާލު ތަނަވަސް ޒުވާނެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކީވެސް ތަކުލީފުތަކުން ފުރިގެންވި ދުވަހެއް ކަމަކު ފަޔާޟްއަކީވެސް އޭނާ ފަދަ އެހެން ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިސާލެކެވެ. ހުރިހާ ކަމެއްހެން އެ ހިދުމަތައް ހުސްކޮށްލި ވޮލަންޓިއަރެކެވެ.

ޖުލައި 14ގައި މި ދުނިޔެއާއި ވަކިވެގެންދިޔަ ތެލެސީމިއާ 2 ޕޭޝަންޓުން ކަމަށްވާ އަދުހަމް މުޙައްމަދު (ވ) އަދި އިސްމާއީލު ފަޔާޟް/ފޮޓޯ: މޯލްޑިވިއަން ބްލަޑް ޑޯނާޒް އެފްބީ

އުމުރުން 24 އަހަރުގެ އަދޫ އާއި އުމުރުން 27 އަހަރުގެ ފަޔާޟް މި ދުނިޔެއާއި ވަކިވެގެންދިޔަ ޚަބަރާއެކު ބޮލުގައި ރިއްސާލިއެވެ. ވިސްނައިފި މީހަކަށް އިބުރަތެއް ވެއެވެ. އެހެންކަމުން އެކި ގޮތް ގޮތުން މިކަމާ ބެހޭ މައުލޫމާތު އެއްކުރަމުންދިޔައީމެވެ. ދެން ސަމާލުކަމަށް އައީ އިންޓާނަލް މެޑިސިންގެ ރޮނގުން ޚިދުމަތް ކުރެއްވުމުގައި އެތައް ބައެއްގެ ލޯބި ހޯއްދަވާފައިވާ ޑޮކްޓަރެއް ކަމަށްވާ އަހުމަދު މިގްދާދް ކުރައްވާފައިވާ ޕޯސްޓެކެވެ.

ޑރ މިގްދާދްގެ ޕޯސްޓް ފައްޓަވާފައިވަނީވެސް ހިތުގައި އުފެދުނު ބޮޑު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ތެލެސީމިއާ ބަލީގެ ދެ ޒުވާނަކު މި ފަނާވަނިވި ދުނިޔެއާއި އާދީއްތަ ދުވަހު ވަކިވެގެންދާން ދިމާވި އެއް ސަބަބު ޔަގީންކުރެވުނެވެ. ޑރ މިގްދާދްގެ ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުގައި، އެ 2 ޒުވާނުންވެސް މަރުވެދިޔައީ އެތެރެ ހަށީގެ ގުނަވަންތަކެއް ފެއިލްވެގެންނެވެ. މިކަން މެދުވެރިވީ އެ ޒުވާނުންގެ ހަށިގަނޑުގައި ހުންނަ ދިވެހިން ކިޔާ ގޮތުން ނަމަ ދަގަނޑުގެ ބައި ނުވަތަ "އަޔަން އޯވާލޯޑް" ވެގެންނެވެ.

އަޔަން އޯވާލޯޑްވުމަކީ ތެލަސީމީއާ ޕޭޝަންޓުންގެ ތެރެއިން ދިގު މުއްދަތަކަށް ޓްރާންފިއުޝަން ހަދަންޖެހޭ ފަރާތްތަކުގެ ފުރާނަ، ނުރައްކަލުގެ ތެރެއަށް ވައްޓާލާ ހާލަތެކެވެ.

ތެލެސީމިއާ ކުދިން ދިރިހުރުމަށްޓަކައި ގަވާއިދުން ލޭ އަޅަން ޖެހެ އެވެ. މި ގޮތަށް ލޭ އެޅުމުން ހަށިގަނޑަށް ބޭނުން ވާ ވަރަށްވުރެ އިތުރަށް ދަގަނޑުގެ ބައި އުފެދި ފުރާނަ އަށް ނުރައްކާވާ ހިސާބަށް ދެ އެވެ.

ދިވެހިރާއްޖޭގައި ތިބި ތެލެސީމިއާ ޕޭޝަންޓުންގެ ހަށިގަނޑުގައި މަތިކަމަށް ދިރާސާތަކުންވެސް ވަނީ ދައްކާފައެވެ. ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ހުންނަ ޖެހެނީ 1000 ގްރާމަށް ވުރެ ދަށުގައެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާއިރު، މި ރޭންޖަށްވުރެ ދަށުގައި އުޅެނީ މަދު ޕޭޝަންޓެއްގެކަން ސިއްހީ އޮފިޝަލުންވެސް ވަނީ ފާހަގަކޮށްފައެވެ.

ދަގަނޑުގެ ބައި މަދު ކުރުމަށްޓަކައި ދެވޭ އެންމެ އާންމު އެއް ފަރުވާއަކީ ޑެސްފަރޯލް އިންޖެކްޝަން ގުޅުމެވެ. އިންޖެކްޝަނެކޭ ބުންޏަސް މިއީ ވޭން ހުރި ކަމެއްކަން އެނގޭނީ ހަމަ އެކަމުގެ ތަކުލީފު އުފުލާ ފަރާތްތަކަށެވެ. މިއީ ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމެކެވެ. މުޖުތަމައުގެ ވިސްނުން ހުރި ގޮތުން، ބައެއް ޕޭޝަންޓުންނަކީ ޑެސްފަރޯލް ގުޅައިގެން އާންމުންގެ ތެރެއަށް ނިކުމެ އުޅުމަށް ޖެހިލުންވާ ކުދިންނެވެ. މުޖުތަމައުން އެކުދިންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ވެއްޖެއެވެ. ބައެއް ކުދިންނަކީ އެއީ ލޭ އަޅާ ކުދިންކަން ސިއްރުކޮށްގެން އުޅެން ބޭނުންވާ ކުދިންނެވެ. އަނެއް ބައި ކުދިންނަކީ، ގައިގައި ނެތް ހިތްވަރު ކޮންމެވެސް ގޮތަކުން ހޯދައިގެން ދިރިއުޅުމާ ކުރިމަތިލާ ކުދިންނެވެ. ނަމަވެސް، އެއީ " ލޭ އަޅާ މީހެކޭ" ބުނެ ބޭ އިހުތިޔާރުގައި ނަމަވެސް އެފަދަ ޒުވާނުން ބާކީ ކޮށްލެވޭ ފަހަރު އާދެއެވެ. އެ ކުދިންނަށް ކުރާ އިތުބާރު ކުޑަކުރެވޭ ފަހަރު އާދެއެވެ. އެކަމަކު ފުރާނައަކީ އިންސާނާގެ އަތުގައި އޭގެ ބާރު އޮންނަ އެއްޗެއް ނޫނެވެ. ލޭ އަޅާ ޒުވާނަކަށްވުރެ ކުރިން، ސިއްހަތު ހެޔޮ ޒުވާނަކުވެސް މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްފާނެކަން ގަބޫލުކުރަން ޖެހެއެވެ.

ދެން އޮތީ ތެލެސީމިއާ ޕޭޝަންޓުންގެ ހާލަތު މިހާރަށްވުރެވެސް ރަނގަޅަށް ވިލަރެސް ކުރަމަށް މަސައްކަތްކުރަންޖެހޭ ވާހަކައެވެ. ތެލެސީމިއާ ޕޭޝަންޓުގެ ދުޅަހެޔޮކަމާ އެކުދިންގެ ސިއްހަތާ ގުޅުންހުރި ހުރިހާ އޭންގަލްއަކުން ތަމްރީނާ ތަޖުރިބާ ލިބިފައިވާ ޑެޑިކޭޓަޑް ޓީމެއް މިރާއްޖޭގައި އޮތުން މިވަގުތު އިންތިހާއަށް މުހިންމުކަން ޑރ މިގްދާދްގެ ޕޯސްޓްގައިވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދޫ އާއި ފަޔާޟްގެ ވަކިވެ އެދިޔައީ، މިކަމަށް ގައުމު މިހާރަށްވުރެވެސް ސަމާލުކަން ދޭންވެއްޖެ ކަމުގެ ވަރުގަދަ މެސެޖު ދީފައެވެ.