ކުޑަކުދިންގެ ހިޔާ އިން ފިލި ޝައިމް އަބްދުﷲ ގެއްލުމުނު އިރު ޑިއުޓީގައި ހުރި އެއް މިުވައްޒަފެއް ވަނީ ސަސްޕެންޑްކޮށްފައި ކަމަށް މިނިސްޓާ އޮފް ޖެންޑާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިޅިހުގައި މިއަދު ޝިދަތާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އުމުރުން 14 އަހަރުގެ ޝައިމް ނެތްކަން ފާހަގަ ކުރެވުމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ކޮމިޓީއާ ހަވާލުކުރެވި އެ މައްސަލަ ބެލުމަށް އެންގިފައިވާ ކަމަށެވެ. ހަމަ އެއާއެކު އެވަގުތު ޑިއުޓީގައި ހުރި އެއް މުވައްޒަފެއް ވަގުތީގޮތުން މަސައްކަތުން ދުރުކޮށް ސަސްޕެންޑް ކުރެވިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ މިދިޔަ މަހުގެ 20 ވަނަނ ދުވަހުގައެވެ. އޭގެ ދެ ހަފްތާ ފަހުން ޝައިމް ހޯދީ މާލޭގެ ގެއެއްގެ ތެރޭގައި ފިލާ އޮއްވައެވެ. އޭނާ ފިލުވި މައްސަލައިގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ޝައިމް ގެއްލުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ މިކަމުގައި ޖެންޑަ މިނިސްޓްރީގެ އިތުރުން މުޅި ދައުލަތުން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޝައިމް ނެތް ކަން އެނގިގެން އެ ވަގުތުން ފެށިގެން ފުލުހުންނަށް އެންގި ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ޝައިމް ފެނުނީ ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށާއި، ކުއްޖާ ފިލައިގެން ދިޔަ ކަމަށް ފުލުހުން ބެލި ބެލުމުންނާއި އަދި އަޅުގަނޑުމެން އެއްކުރި މައުލޫމާތުން ވެސް އެނގޭ ކަމަށެވެ. ހަމައެއާއެކު ޝައިމް ފިލުވުމުގައި ބައެއްގެ އަތެއް ވާކަމަށް ވެސް ފުލުހުން ދިން މައުލޫމާތުން އެނގޭ ކަމަށާއި އެހެންކަމުން ޝައިމް ފިލުވުމުގައި ކުޑަކުދިންގެ ހިޔާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

ޝިދާތާ ވިދާޅުވީ ހިޔާގައި ތިބި ކުދިންނަށް ރައްކާތެރިކަން ގެއްލޭ ފަދަ އަމަލެއް ހިންގާފައިވާކަން މުވައްޒަފެއްގެ ކިބައިން ފެނިއްޖެނަމަ އެކަން ޔަގީންކުރުމަށް ފަހު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.