ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ދޮށީގެ މަސްވެރިކަން ނޫން އެހެން ގޮތެއް ހޯދުމަށް ދިރާސާކުރުން ރަނގަޅު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ ރާއްޖެ މަޝްހޫރުވެފައި ވަނީ ތިމާވެށްޓާ ރައްޓެރި ދެމެހެއްޓެނެވި މަސްވެރިކަމެއް ކޮށްފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރު ހަސަން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަމަށް ކަމަށެވެ. އަދި އެތައް ގަރުނެއް ވަންދެން، މި ޖަޒީރާ ރާއްޖެ މަޝްހޫރު ވެފައިވަނީ ތިމާވެށްޓާއި ރައްޓެހި، ދެމެހެއްޓެނިވި މަސްވެރިކަމެއް ކޮށްފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ނިޒާރު ވަނީ 10 ނުވަތަ 30 މީޓަރު އަޑިން ޑައިވްކޮށްގެން ދިރޭ އެން ނަގައިގެން ހުސްބުޅިއަށް މަސް އައިން ދަހިކޮށްގެން ކުރަމުންދާ މަސްވެރިކަން ދެމެހެއްޓެނެވި އިންޑަސްޓްރީއަކަށް ވެދާނޭތޯ ސުވާލު އުފައްދަވާފައެވެ. އަދި އިތުރު އެހެން ވިސްނުމަކަށް ދިއުމަށް ދިރާސާކޮށްލުން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރަމުން އަންނަނީ މައިގަނޑު ގޮތެއްގައި ދެ ބާވަތުގެ ކަނޑުމަހުގެ މަސްވެރިކަމެވެ. އެއީ ދޮށީގެ މަސްވެރިކަމާއި، ލޭނު އަޅައިގެން ކުރާ މަސްވެރިކަމެެވެ. ނަމަވެސް ފަހަކަށް އައިސް މޫސުމަށް އަންނަ ބަދަލުތަކާއެކު ދޮށީގެ މަސްވެރިކަން ދަށްވެފައިވާ އިރު، އެން ހޯދުމަށް މަސް ދޯނިތަކުގެ ޑައިވަރުން ފީނައެވެ. އަދި މި މަސައްކަތުގެ ތެރޭގައި ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.