ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން، މަރްޔަމް ނަވާޒް ޝަރީފު ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޯޓުން އަމުރެއް ނެރެފިއެވެ.

މި އަމުރު ބުނާ ގޮތުގައި، މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހު މަރްޔަމް ނަވާޒް އެ ކޯޓަށް ހާޒިރުވެ ވަޑައިގަންނަވަން ޖެހެއެވެ.

މަރްޔަމް ނަވާޒް ކޯޓަށް ހާޒިރުކުރެވެނީ "އެވެންފީލް އެޕާޓްމަންޓްތަކުގެ ތަހުގީގަށް" އޮޅުވާލާފައިވާ ލިޔެކިއުންތަކެއް ހުށަހަޅުއްވާފައި ވާކަމުގެ ކުށުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައަކީ ނަވާޒް ޝަރީފާ ދެކޮޅަށް ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. މި އެޕާޓްމަންޓްތަކަކީ ނަވާޒް ޝަރީފުގެ އާއިލީ އެޕާޓްމަންޓްތަކެކެވެ.

މިމައްސަލާގައި މަރްޔަމް ނަވާޒްއާއި އޭނާގެ ފިރިކަލުންގެ މައްޗަށް ކުރިންވެސް ވަނީ ދައުވާކޮށްފައެވެ. ނަމަވެސް ކޯޓުންވަނީ އެ ދައުވާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

ދާދިފަހުން މަރްޔަމް ނަވާޒްވަނީ، ބައްޕާފުޅުގެ މައްޗަށް ކޯޓުން ޖަލު ހުކުމް އިއްވާފައިވަނީ ފަނޑިޔާރަށް ބްލެކްމެއިލްކޮށްގެން ކަމަށް ތުހުމަތުކުރައްވާ، އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.