ޚަބަރު ފެތުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ކުންފުނިތަކުން މުސްލިމުންގެ ވާހަކަތައް ގެނެސްދިނުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން، މުސްލިމުންނާ މެދު މީހުންގެ ހިތުގައި ނަފުރަތު އުފެދެމުންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިފަދަ މޭރުމަކުން ހަދާފައިވާ ފުރަތަމަ ދިރާސާ ބުނާ ގޮތުގައި އިނގިރޭސިވިލާތުން ހިންގާ މީޑިއާތަކުގައި މުސްލިމުންގެ ވާހަކަތައް ގެނެސްދީފައި ހުންނަނީ ހަގީގަތް އޮޅޭ ގޮތަށް، އަދި ވަރަށް ނޭދެވޭ "ނެގެޓިވް" މޭރުމަކުންނެވެ.

މުސްލިމު ކައުންސިލް އޮފް ބްރިޓަން (އެމް.ސީ.ބީ)ގައި އާންމުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، އިސްލާމް ދީނާ މުސްލިމުންނާ ބެހޭ ގޮތުން ވަކި ފިކުރެއް ގާއިމުކުރުމަށް ޓީވީ ޕްރޮގްރާމްތައްވެސް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދެއެވެ. އަދި ޕާޓީ ލީޑަރުންވެސް މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަންނަވާކަން އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާ އެކުލަވާލާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ މީޑިއާތަކުން އާންމުކޮށްފައިވާ 10000އަށްވުރެ ގިނަ ޚަބަރު ބަލައިގެންނެވެ.

ޕްރިންޓް މީޑިއާއަށް ބަލާއިރު 59 ޕަސެންޓް ލިޔުމުގައި މުސްލިމުންނާ މެދު ތަސްވީރުކޮށްދީފައިވަނީ ގޯސް ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ކަމަށާ، މުސްލިމުންގެ އާބާދީއާއި މެދު ދެކޮޅު ނުޖެހޭ މޭރުމަކުން ގޮތް ނިންމާފައިވާ ލިޔުންތައްވެސް ގިނަކަން ބަޔާންކޮށްފައިވެއެވެ.

ވަކިވަކި މީޑިއާތަކަށް ބަލާއިރު މުސްލިމުންނާ ދެކޮޅު ޚަބަރުތައް އެންމެ ގިނައިން ގެނެސްދީފައިވަނީ "މެއިލް އޮން ސަންޑޭ" ނޫހުން ކަމަށްވާއިރު، "ގާޑިއަން"، "ނިއު ސްޓޭޓްސްމަން" އަދި "އިންޑިޕެންޑެންޓް"ގައި މިފަދަ ވާހަކަތައް މަދުކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. ޓީވީތަކަށް ބަލާއިރު މުސްލިމުންނާ ދެކޮޅަށް ޚަބަރު ފެތުރުމުގައި އެންމެ ކުރީގައި އުޅެނީ "ސްކައި ނިއުސް"ކަންވެސް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.