ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިރޭ މާލެ ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ދާދި ދެންމެއަކު ފުލުހުން ބުނީ 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ލުތުފީ، އެމިރޭޓްސް ފުލައިޓުން މިރޭ 9:30 ގައި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލުތުފީ މިހާރު ހުރީ ލަންކާގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ބުނީ ލުތުފީ މިރޭ މާލެ ގެެނެސް، ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މިރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނީ ލަންކާގައެވެ. އަދި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަދެފައިވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވިއެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމެއް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ފަހުން 25 އަހަރުގެ ޖަލު ހުކުމަކަށް ވަނީ ބަދަލުކޮށްފައެވެ.