މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާއިރު، ކަންބޮޑުވާ ދަރަޖައަށް ޔަމަނުގައި ކޮލެރާ ރޯގާ ފެތުރިފައި ވާކަމަށް، އެހީދޭ ބައިނަލްއަގުވާމީ ޖަމިއްޔާ ސޭވް ދަ ޗިލްޑްރަންއިން ބުނެފިއެވެ.

ސޭވް ދަ ޗލްޑްރަންއިން ބުނީ 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކޮލެރާ ރޯގާއަށް ޝައްކުކުރެވޭ ކޭސްތައް އިތުރުވެފައިވާކަމަށެވެ.

ކޮލެރާ ކަމަށް ޝައްކުކުރެވިގެން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 439812 ކޭހެއް ފާހަގަކުރެވިފައިވާއިރު، މީގެ ތެރޭގައި 203000 ކުޑަކުދިންނާ ގުޅުންހުރި ކޭސްތައް ހިމެނޭކަންވެސް ސޭޗް ދަ ޗިލްޑްރަންއިންވަނީ ފާހަގަކޮށްފައެވެ.

ސޭޗް ދަ ޗިލްޑްރަންއިން ބުނީ ކޮލެރެއާއި ގުޅުންހުރި ބަލިތަކުގައި މިއަހަރު އެކަނިވެސް 193 ކުޑަކުއްޖެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. މި ރޯގާގައި މިއަހަރު މަރުވި މީހުންގެ އަދަދު، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 9 ގުނަ އިތުރުކަންވެސް ސޭޗް ދަ ޗިލްޑްރަންއިންވަނީ ފާހަގަކޮށްފައެވެ.

އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުންދާ ޔަމަނުގެ ސިއްހީ ހާލަތު ވަނީ ކަންބޮޑުވާ ފައްތަރެއްގައެވެ. ސޭޗް ދަ ޗިލްޑްރަންއިން ބުނާ ގޮތުގައި ޔަމަނުގައި ސިއްހީ ފަރުވާއަށް ހާއްސަކޮށްފައިވާ ތަންތަނުގެ ތެރެއިން ހިދުމަތް ލިބެނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ތަންތަނުންވެ.

މިއީ ޔަމަނަށް ވިއްސާރަ ދުވަސްވަރެއް ކަމުން، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ، ސިއްހީ ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކޮލެރާ އަކީވެސް މިފަދަ ގޮތަކަށް ފެތުރޭ ރޯގާއެކެވެ.

ޔަމަނުގެ އަންހެނަކު، އޭނާގެ ބަނޑަށް ޖެހިފައިވާ ދަރިފުޅު އުރާލައިގެން/ފޮޓޯ: ސޭވް ދަ ޗިލްޑްރަން

ސޭޗް ދަ ޗިލްޑްރަންއިން ބުނާ ގޮތުގައި ސާފު ބޯފެން ފޮދެއް ހޯދާނެ ގޮތެއް ނެތިފައި ތިބި 9.2 މިލިއަން ކުޑަކުދިން މިހާރުވެސް ޔަމަނުގައި އެބަތިއްބެވެ. އަދި ގިނަ ކުދިންނަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދަތައް ނުލިބި އަނަރޫފަވެފައި ތިބި ކުދިންނަށްވާއިރު، ކޮލެރާފަދަ ރޯގާއެއް ވޭން ވަކިން ބޮޑުވާކަންވެސް ސޭޗް ދަ ޗިލްޑްރަންއިން ފާހަގަކުރެއެވެ. މި ކުދިންނަކީ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކުދިންކަމުން، ކޮލެރާ ޖެހިއްޖެނަމަ، އެ ބަލީގައި މަރުވެދިއުމުގެ ނުރައްކާ، މި ކުދިންނަށް 3 ގުނަ ބޮޑެވެ.

ސޭޗް ދަ ޗިލްޑްރަންއިން މިފަދަ ވާހަކަތަކެއް އާންމުކޮށްފައިވަނީ، ޔަމަނުގައި ހަނގުރާމަކުރަމުންދާ ބައިނަލްއަގުވާމީ ފައުޖުތަކުގެ ތެރެއިން އެކުވެރި އަރަބި އިމާރާތުގެ އަސްކަރިއްޔާގެ މެމްބަރުންގެ އަދަދު މަދުކުރާނެ ކަމަށް އެގައުމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.