ބަންގްލަދޭޝްއަށް ކުރަމުންދާ މޫސުމީ ވިއްސާރައާއި ގުޅިގެން ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގާ، ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅެމުންދިޔަ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާތަކުގައި 1 މަރުވެ 4500 އަށްވުރެގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެހީދޭ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް އަމިއްލަ ވަޒަންކޮށް، ބަންގްލަދޭޝްއަށް ހިޖުރަކޮށްގެން އުޅޭ ރޯހިންނާ ރެފިއުޖީޏްގެ އަދަދު 900000 އަށްވުރެ މައްޗަށް އަރާކަމަށް އދއިން ބުނެއެވެ. މިމީހުން ދިރިއުޅެމުންދަނީ ކޮކްސް ބާޒާރު ސަރަހައްދުގައެވެ.

ބޯކޮށް ވިއްސާރަކުރަމުންދަނީވެސް ކޮކްސް ބާޒާރު ސަރަހައްދަށެވެ.

މިޔަންމާއާއި ބަންގްލަދޭޝް ހިއްސާކުރާ ސަރަހައްދީ އިމާ ދާދި ކައިރީގައި އޮންނަ ކޮކްސް ބާޒާރު ސަރަހައްދުގައި، ބިންގަނޑުކަނޑައިގެން ދިއުމުގެ 26 ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ސަރަހައްދުގެ ބިންގަނޑު ދެރަވެފައިވަނީ ޖިފުޓިތައް ޖެހުމަށާ ދަރުގެ ގޮތުގެ ބޭނުންކުރުމަށް ގަސްތައް ކަނޑާ، މުލުން ލުހެފައި އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްއާއި މިޔަންމާއާއި ދެމެދު އޮންނަ، ވަކި ފަރާތަކަށް މިލްކުވެގެން ނުވާ ބިންކޮޅެއްގައިވެސް 5000 އެއްހާ މީހުން ދިރިއުޅެމުންދާއިރު، އެސަރަހައްދަށްވެސް ވިއްސާރައިގެ ސަބަބުން އަސަރު ކޮށްފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.