ސަރުކާރުން ކުރިއަށް ގެންދާ "ޓޯޓަލް ނީ ރިޕްލޭސްމަންޓް ސާޖަރީ" މަޝްރޫއުގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި މި ކާމިޔާބު އޮޕަރޭޝަންގައި ހުޅު ބަދަލުކުރި ބަލިމީގެ ހާލުބައްލަވައި ލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބަލި މީހާއަށް ޒިޔާރަތް ކުރައްވާ، އޭނާއަށް ހެޔޮ ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން މަޝްރޫއަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތް އަވަސްކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން، އާސަންދަ އާއި އައިޖީއެމްއެޗްގެ ފަރާތުން މެޑިކާ އަދި ޓްރީޓޮޕް ހޮސްޕިޓަލާއި އެކު ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކަކުލު ހުޅު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ އޮޕަރޭޝަން ކުރި ބަލި މީހާއަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރެއްވުމަށް ވަޑަިއގެން / ފޮޓޯ: ރައީސް އޮފީސް

ޓްރީޓޮޕް ހޮސްޕިޓަލާއި އާސަންދަ ޕްރައިވެޓް ލިމިޓެޑާއިއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިފިޔަ މަހު 26 ވަނަ ދުވަހެވެ. އަދި މެޑިކާ ހޮސްޕިޓަލާއި އާސަންދަ ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިިދޔަ މަހު 27 ވަނަ ދުވަހެވެ

ސިއްހީ ދާއިރާއިން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް މިއަދު މި ފެށި އާ މަޝްރޫއުގެ ދަށުން މެޑިކާ ހޮސްޕިޓަލުންވެސް ކަކުލު ހުޅު ބަދަލުކުރުމުގެ ހިދުމަތް މިހާރު ލިބޭނެއެވެ.