ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް، މުޅި ސަރުކާރު މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ނައިބު ރައީސް ފައިސަލް ނަސީމު ދެއްވައިފިއެވެ.
ނައިބު ރައީސް ވިދާޅުވީ، ސިއްހީ ނިޒާމަށް ބަދަލުތަކެއްގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ މިކަން ހާސިލުކުރުމަށް ފަރުވާކުޑަކުރުމެއްނެތި މުޅި ސަރުކާރު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
ނައިބު ރައީސް މި ޔަގީންކަން ދެއްވީ، ޓައިނީ ހާޓް އޮފް މޯލްޑިވްސް އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ފީޓަލް ހާޓް މޯލްޑިވްސް 2019" ވާކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައިޖީއެމްއެޗްގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުންވެސް، އެބޭފުޅަކަށް އެނގިވަޑައިގެންފައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދީ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި "ފީޓަލް ހަރޓް މޯލްޑިވްސް 2019" ވާކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވެސް ނައިބު ރައީސެވެ.
މި ވާކްޝޮޕަކީ ޓައިނީ ހާޓް އޮފް މޯލްޑިވްސް އިން އިސްނަގައިގެން، ފީޓަލް ހާޓްއާއި ގުޅޭ މައުލޫމާތު ޑޮކްޓަރުންނަށް ދިނުމަށް ބޭއްވި ތިން ވަނަ ވާކްޝޮޕެވެ. މި ވާކްޝޮޕްގައި މި އަހަރު ސާދަ ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންފައިވާއިރު، އެކިއަހަރުތަކުގެ މަތިން ބާއްވާފައިވާ މި ސިލްސިލާގެ ވާކްޝޮޕްތަކުން 90 ވަރަކަށް ޑޮކްޓަރުންނަށް ވަނީ މި މައުލޫމާތު ހިއްސާ ކޮށްފައެވެ.