އާންމު ތަންތަނުގައި އުޅޭއިރު ނިގާބު ނުވަތަ މޫނު ބުރުގާ އެޅުން ތޫނިސްގެ ބޮޑުވަޒީރު ޔޫސުފް ޝާހިދު މަނާކުރައްވައިފިއެވެ.

މިހާރުން މިހާރަށް މި އަމުރު ތަންފީޒުކުރަން ފަށާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ.

ތޫނިސްގެ އޮފިޝަލަކު ވިދާޅުވީ، ބޮޑުވަޒީރު ޝާހިދު ސޮއިކުރައްވާފައިވާ ގަރާރުގައިވާ ގޮތުން، އާންމު އެއްވެސް މުއާސަސާއެއް، އިދާރާއެއް ނުވަތަ މަރުކަޒީ އިދާރާއަކަށް ދާއިރު މޫނު ނިވާކޮށްފައި ހުރެގެން ނުވާނެއެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ތޫނިސްއިން މިފަދަ ފިޔަވަޅެއް ތަންފީޒުކުރަން ފަށާފައި މިވަނީ، ތޫނިސްގެ ވެރިރަށަށް އަމާޒުކޮށް ޖޫން 27 ވަނަ ދުވަހު ބޮމުގެ 2 ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގައި 2 މީހެއްގެ ފުރާނަ ގެއްލި، 7 މީހަކު ޒަހަމްވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އަމިއްލައަށް މަރުވެގެން ދިން މި ހަމަލާގެ މަންޒަރު ދުށް މީހުން ކިއާދީފައިވާ ގޮތުގައި، މިތަނުން އެއް ހަމަލާ ދިން މީހަކު ހުރީ ނިގާބުގައެވެ. ނަމަވެސް، ތޫނިސްގެ ދާހިލީ ވުޒާރާއިންވަނީ މިކަން ދޮގުކޮށްފައެވެ.

ޒައިނުލްއާބިދީން ބިން ޢަލީ ފަދަ ސެކިއުލަރިސްޓް ލީޑަރުންގެ ވެރިކަމުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮތުމުގައި ތޫނިސްގައި މޫނު ބުރުގާ އެޅުމުގެ ހުއްދަ ދީފައިވަނީ 2011 ވަނަ އަހަރުއެވެ.