ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް ނެގުމަށް އެގައުމުގައި ހިންގަމުންދާ ކުރިމަތިލުންތަކަށް 3 މަސްދުވީއިރު، 1000 އެއްހާ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ބުނެފިއެވެ.

ލީބިއާގެ ވެރިރަށުގެ ކޮންޓްރޯލް ހޯދުމަށް، ކުރީގެ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރު އިސްވެ ހުރެ ފަށާފައިވާ އަސްކަރީ ހަރަކާތާ ގުޅިގެން ހުސްވި ހަފުތާ ތެރޭގައިވެސް ލީބިއާގައި ވަނީ ނުރައްކާތެރި ހަމަލާތަކެއް ބަދަލުކޮށްފައެވެ. ލީބިއަން ނޭޝަނަލް އާމީ (އެލް.އެން.އޭ)ގެ ނަމުގައި އަމިއްލަ އަސްކަރީ ބާރެއް އެކުލަވާލައިގެން ޖެނެރަލް ހަފުތާރު ހަނގުރާމަކުރަމުންދަނީ، އދއިން ބަލައިގެން ފައިވާ ލީބިއާގެ މައި ސަރުކާރު ކަމަށްވާ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީ.އެން.އޭ)ގެ އަސްކަރީ ބަރުތަކާ ދެކޮޅަށެވެ.

އޭޕްރިލް މަހު ފެށި ހަމަނުޖެހުންތަކުގައި މިހާތަނަށް ހާހަކަށް މީހުންގެ ފުރާނަ ގެއްލިފައިވާއިރު، 5000 އެއްހާ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށްވެސް ޑަބްލިއު.އެޗް.އޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމަ މިއާއެކު 100000 އެއްހާ މީހުންނަށް އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ލީބިއާގެ ޚުދުމުޚުތާރު ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ނޭޓޯގެ އަސްކަރީ ބާރުތަކުން 2011 ވަނަ އަހަރު ހިންގި ހަރަކާތަށްފަހު، ލީބިއާއަށް އަދި ހަމަޖެހުން އައިސްފައެއް ނުވެއެވެ.