ޖާސޫސްކުރުމަށް ޓިއުނީޝިއާ އަށް ގޮސް އުޅުނު ކަމަށް ތުހުމަތުކުރެވޭ ބެލަރޫސް ބައެއްގެ އަތުން ދިވެހި ވަގު ޕާސްޕޯޓް ފެނުނު ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގެ ސައްހަ ނޫން ޕާސްޕޯޓާއެކު ބެލަރޫސް ބަޔަކު ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައެއް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އަދި ދިވެހި ވަގު ޕާސްޕޯޓް ގެންގުޅުުނު ކަމަށް ބުނާ ހަބަރުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށާއި، އެކަން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ޕާސްޕޯޓަކީ ސަލާމަތީ ފީޗާތައް ވަރަށް ވަރުގަދަ ޒަމާނީ އެއްޗަކަށް ވާތީ އޭގެ ޕާސްޕޯޓް ސައްހަަ ނޫން ގޮތަކަށް ހަދައިގެން ގެންގުޅެވިދާނެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެެވެ.

ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ޓިއުނީޝިއާ އިން ހައްޔަރު ކުރި ދެ ފިރިހެނެއްގެ އަތުން ރާއްޖޭގެ ވަގު ޕާސްޕޯޓްގެ އިތުރުން ޔޫކްރެއިން އާއި ޕޮލެންޑްގެ ޕާސްޕޯޓްވެސް ފެނިފައިވާ ކަމަށް ބޭރުގެ މީޑިއާއެއް ކަމަށްވާ "އިންޓެލް ނިއުސް" ގައި ރިޕޯޓް ކޮށްފައިވެއެވެ. އިންޓެލް ނިއުސްގައި ބުނެފައިވާ ގޮތުގައި، ޓިއުނީޝިއާގެ ސްފެކްސް އިން ހައްޔަރު ކުރި މީހުންގެ ސާމާނު ބަލާ ފާސް ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވަގު ޕާސްޕޯޓާއި، ސިމް ކާޑުތައް އަދި ޖާސޫސް ކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު ފެނިފައިވެއެވެ.