ހިޖުރަވެރިންގެ ގޮތުގައި ތިބި 86 ރެފިއުޖީއަކު ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް، ތޫނިސްގެ ރަށްބޭރުން ކަނޑުގެ ސަރަހައްދަށް ބަންޑުން ޖަހާލާ، އެއިން ދަތުރުކުރި ގިނަ މީހުން މަރުވިކަމުގެ ބިރުވެރިކަން އުފެދިއްޖެއެވެ.

ތޫނިސްގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓްގެ އޮފިޝަލެއް ކަމަށްވާ މޮންގީ ސްލިމް ވިދާޅުވީ، ރެފިއުޖީ ބޯޓު ބަންޑުން ޖަހާލާފައިވަނީ ޒާޒީސް އަވަށާ ދިމާލުން ކަނޑު ބޭރަށް ކަމަށް، އެ ހާދިސާއިން އެންމެ ފުރަތަމަ ސަލާމަތްވި 4 މީހަކު، ތޫނިސްގެ ކޯސްޓްގާޑަށް މައުލޫމާތު ދެމުން ބުނެފައިވާކަމަށެވެ.

މި 4 މީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ތޫނިސްގެ މަސްބޯޓަކުން ކަމަށާ، ނަމަވެސް ރެފިއުޖީ ބޯޓުން ދަތުރުކުރި އިތުރު އެއްވެސް މީހެއްގެ ނިޝާނެއް އަދި ފެނިފައިވާ ނުވާކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)ގެ އޮފިޝަލެއް ކަމަށްވާ ލޮރޭނާ ލާންޑޯ ވަނީ ވިދާޅުވެފައެވެ.

82 ރެފިއުޖީއަކަށް ވީ ނުވީއެއް ނޭނގި ކަނޑުގެ ސަރަހައްދުން ގެއްލިފައި މިވަނީ، ލީބިއާގެ ޑިޓެންޝަން ސެންޓަރަކަށް އަމާޒުވި ވައިގެ ހަމަލާއެއްގައި 44 ރެފިއުޖީއެއްގެ ފުރާނަ ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގެ ސަބަބުންނާއި ހަނގުރާމައިން ސަލާމަތްވުމުގެ ނަމުގައި ވިލާތަށް ހިޖުރަކުރާ މީހުންގެ މެދުގައި ލީބިއާއަކީ މުހިންމު ޓްރާންސިޓް ބަނދަރެކެވެ.

އައިއޯއެމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި، މިއަހަރުގެ މިހާ ހިސާބަށް އައިއިރު 555 ހިޖުރަވެރިއެއްގެ ފުރާނަ ގެއްލިފައިވާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.