އިރާގުގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ތިބި އެތައް ހާސް ގައިދީންނެއް ހައްދުފަހަނައަޅާފައިވާ ފިކުރުގެ އޮއެވަރުގައި ޖެހި، ހަލާކުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ – ހިއުމަން ރައިޓްސް ވޮޗްއިން ދީފިއެވެ.

އިރާގުގެ ޖަލުތަކުގައި އެތައް ހާސް ފިރިހެނުންނަކާ އަންހެނުންނެއްގެ އިތުރުން ކުޑަކުދިން ގައިދުކޮށްފައި ތިބީ "ދަށުދަރަޖައިގެ" ހާލެއްގައި ކަމަށް ބުނެ، ހިއުމަން ރައިޓްސް ވޮޗްއިންވަނީ އިރާގުގެ ކަމާބެހޭ ފަރާތްތަކަށް ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުކޮށްފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނީ އިރާގުގެ އިރުއުތުރު ސަރަހައްދުގައި ހުންނަ ޖަލެއް ކަމަށްވާ ތޯލް ކީފް ޖަލާ، އެ ޖަލާ ދާދި ކައިރީގައި ހުންނަ ތަސްފީރާތު ޖަލުގެ ފޮޓޯތަކެއް އެ ޖަމިއްޔާއަށް ލިބިފައިވާކަމަށާ، އެ ފޮޓޯތަކަށް ބަލާއިރު ޖަލުތަކުގެ ހާލަތު ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ގޮތަކަށް ނޫންކަމަށެވެ.

އިރާގުގެ ޖަލުތަކުގައި އަންހެނުންނާ ކުޑަކުދިން ބައިތިއްބާ ގޮޅިއެއް/ފޮޓޯ: އަމިއްލަ ފަރާތެއް

މީގެ ތެރެއިން ފުރާވަރު އުމުރުގެ ކުދިން ބައިތިއްބާފައި ތިބި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ ފޮޓޯއެއް ވަނީ މީޑިއާއަށް އާންމުކޮށްފައެވެ. މި ފޮޓޯއަށް ބަލާއިރު މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ ފަދަ ގޮތަކަށް ބިންމަތީގައި އޮށޯވެގެން ކުދިންތައް ތިބިއިރު، ތަޅުންގަނޑުން އިންޗިއެއްހާ ތަންވެސް ނުފެންނަށްވަރަށް އެ ގޮޅިއަށްވަނީ ކުދިން ވައްދާފައެވެ.

އަންހެނުންގެ ޖަލުގެ ފޮޓޯވެސް އާންމުކޮށްފައިވާއިރު، އެ ގޮޅިތަކުގައި އެމީހުން ދިރިއުޅެމުންދަނީ އެމީހުންގެ ތުއްތު ދަރިންނާވެސް އެކުގައެވެ.

އިރާގުގައި ލާއިންސާނީ އަނިޔާ ކުރާކަމަށް ބުނާ ފައިސަލިޔާ ޖަލު/ފޮޓޯ: މިޑްލް އީސްޓް މޮނިޓާ

ޖަލަތަކުގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 2500އެއްހާ ގައިދީންކަމަށްވީ ނަމަވެސް، މި ޖަލުތަކުގައި މިވަގުތު 4500އެއްހާ ގައިދީން އެބަތިބި ކަމަށްވެސް ހިއުމަން ރައިޓްޒް ވޮޗްއިން ބުނެއެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ ޓެރަރިޒަމްއާއި ގުޅުންހުރި އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށްވެސް ޚަބަރު ލިބެއެވެ.

މި ގައިދީންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނާ ދެކޮޅަށް މިހާރުވެސް ދައުވާ އުފުލާފައިވާއިރު، ވެރިރަށް ބަގުދާދުގެ ޖަލިތަކަށް އެމީހުން ބަދަލުކުރަންޖެހުނު މުއްދަތަށްވުރެ 6 ދުވަސް އިތުރަށް ފާއިތުވެފައިވާކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.

އިރާގުގެ ޖަލުތަކުގެ ފޮޓޯތައް ހިއުމަން ރައިޓްސް ވޮޗްއަށް ފޯރުކޮށްދީފައިވަނީ އިރާގުގެ މަސްރަހާ ބެހޭ ތަޖުރިބާކާރެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އިރާގުގެ ޖަލުތަކުގައި ތިބި ގައިދީންނަށް ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބެމުން ނުދާ ކަމަށާ، އެކަން ހަމަޖެހިފައި ނުވަނީ، ބައްދަލުވުން ބާއްވާނެ ތަންކޮޅެއް އެ ޖަލުތަކުގައި ނެތުމުންކަމަށް ތަޖުރިބާކާރު ވިދާޅުވެފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އިރާގުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތަފާސް ހިސާބުތައް އިރާގުގެ ސަރުކާރުން ފޯރުކޮށްދީފައި ނުވި ނަމަވެސް، މިހާތަނަށް ހޯދިފައިވާ ބައެއް ހޯދުންތައް ބުނާ ގޮތުގައި، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުން އޮންނަ ކަމުގެ ކުށުގެ ތުހުމަތުގައި އެކަނިވެސް އިރާގުގައި 20000 ގައިދީއަކު ހައްޔަރުކޮށްފައި އެބަތިއްބެވެ.

އިރާގުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ހާލެއްގައި އިރާގުގެ ޖަލުތައް އޮންނަން ވެއްޖެނަމަ، ގައިދީން ހައްދުފަހަނައަޅާދިއުން އޮންނާނީ މާ ދުރަކު ނޫނެވެ.