ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމުން ތެޔޮ ގަތުމަށްފަހު އެސްޓީއޯއަށް ނުދައްކާ ހުރި 19 މިލިއަން ރުފިޔާގެ މައްސަލައިގައި ލިޔެކިޔުންތައް ފެނިފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މެރީޑިއަމުން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާގެ މައްސަލަ އޮތީ ލިޔެކިޔުންތައް ނުފެނުމުގެ ސަބަބުން ހައިކޯޓުގައި ނުނިމިއެވެ. އެ ލިޔެ ކިޔުންތައް ގެއްލިފައި ވަނީ ފުނަދޫގައި ހުއްޓާކަމަށް އެސްޓީއޯއިން ބުނެއެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޮން އެންޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވިދާޅުވީ، މެރީޑިއަމުން ދައްކަންޖެހޭ 19 މިލިއަން ރުފިޔާއާ ގުޅޭ ޕްރިންޓްކޮށްފައިިވާ ލިޔެކިޔުންތައް ގެއްލިފައިވީ ނަމަވެސް، އެ ލިޔުންތަކުގެ އަސްލު ސިސްޓަމްތަކަކުން ފެނިފައިވާ ކަމަށެވެ.

އަމުރު ވިދާޅުވީ އެ ލިޔެކިޔުންތައް ހައިކޯޓާ ހަވާލުކޮށް މައްސަލަ ނިންމައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"ޕްރިންޓްކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލް އަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އޭއްޗިހި ވަނީ މިހާރު ހައިކޯޓުގައި. ފުނަދޫގައި ހުއްޓާ ޑޮކިއުމަންޓްތައް ގެއްލިފައި ވަނީ. އޭރު އެތާ ސީސީޓީވީއެއް ނުހުރޭ. އެކަމަކު އަޅުގަނޑުމެން ސިސްޓަމްތަކުން އެ ޑޮކިއުމަންޓްތައް ހޯދައިގެން އެ ޑޮކިއުމަންޓްތައް އެނަލައިޒް ކުރަން ވާނީ ފުލުހުންނަށް ވެސް ހުށަހަޅާފައި،"
އެސްޓީއޯ އެމްޑީ އަމުރު

އޭނާ ވިދާޅުވީ ތެލުގެ މުއާމަލާތުގެ މައްސަލަ ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތި ކުންފުންޏަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް ވެސް އެދިފައިވާނެކަމަށް އަމުރު ވިދާޅުވިއެވެ.

ފަހުން ފައިސާ ދައްކާ ގޮތަށް އެސްޓީއޯއިން މެރީޑިއަމްއަށް ދޫކުރި ތެލަށް 19.3 މިލިއަން ރުފިޔާ ހޯދުމަށް އެސްޓީއޯއިން ފުރަތަމަ ސިވިލް ކޯޓްގައި ދައުވާ ކުރީ، 2016 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެސްޓީއޯއިން ލިޔެކިޔުންތައް ނުދެވިގެން ސިވިލް ކޯޓުން އޭރު ހުކުމް ކުރީ އެސްޓީއޯއިން މެރީޑިއަމަށް ތެޔޮ ދިންކަން ސާބިތު ނުވާތީ އެ ފައިސާ ދައްކަން އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.