ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަވަހާރަކޮށްލުމަށްޓަކައި، މީގެ 25 އަހަރު ކުރިން ހަމަލާ ދިން 9 މީހެއްގެ މައްޗަށް އެގައުމުގެ ކޯޓަކުން މަރުގެ ހުކުމް އިއްވާ، އިތުރު 25 މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ޝައިހު ހަސީނާ އަވަހާރަކޮށްލުމަށް ބަޔަކު ހަމަލާ ދިން އިރު އެކަމަނާ ހުންނެވީ އޭރުގެ އިދިކޮޅު ލީޑަރުގެ ގޮތުގައެވެ. 1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ހަސީނާ ދަތުރުކުރައްވަމުން ގެންދެވި ގާފިލާއަށް ހަމަލާ އަމާޒުވިއިރު އޭނާ ގެންދެވީ ގައުމީ ފެންވަރުގައި ކެމްޕޭން ކުރައްވަމުންނެވެ.

މި ހަމަލާ ދީފައިވަނީ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ)ގެ އިއްތިހާދާ ގުޅިފައިވާ އެކްޓިވިސްޓުންތަކެކެވެ. މިމައްސަލާގައި 135 މައްޗަށް ދައުވާ އުފުލި ނަމަވެސް، ބީއެންޕީގެ ވެރިކަމުގައި މިމައްސަލަ އޮތީ ވަރަށް ބޮޑަށް މަޑުޖައްސާލެވިފައެވެ. އޭގެ ފަހުން 1996 ވަނަ އަހަރު އަވާމީ ލީގު އުފެދި، ސަރުކާރާ ހަވާލުވުމާއެކުހެން މައްސަލަ އަލުން ހިނގައިގަތެވެ.

މިހާރު ވެރިކަން ކުރަމުންދާ އަވާމީ ލީގުގެ މެމްބަރުން ވަނީ ކޯޓުގެ ޙުކުމާ މެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ.