ޒުވާނުންނަށް ހާއްސަކޮށްގެން އދއިން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ "ޔޫތް ކްލައިމެޓް ސަމިޓް"ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާ، 100 "ގްރީން ޓިކެޓް" ދިނުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފިއެވެ.
މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ޒުވާނުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 100 "ގްރީންޓިކެޓް" ދޫކޮށްލުމަށް އދއިން ނިންމާފައިވާއިރު، ސެޕްޓެމްބަރު މަހު އޮންނަ "ޔޫތް ކްލައިމެޓް ސަމިޓް"ގައި ބައިވެރިވުމުގެ ހުރިހާ ހަރަދެއް "ގްރީންޓިކެޓް" ލިބޭ ފަރާތްތަކަށް ކޮށްދޭނީ އދއިންނެވެ.
"ގްރީންޓިކެޓް"އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިންވެސް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށެވެ.
މި ސްކީމްގައި ހިމެނޭ ބައެއް ކަންކަމަށް ބަލާއިރު އެމީހަކު ހުރި މަންޒިލުން އެމެރިކާގެ ނިއު ޔޯކަށް ކުރާ ދަތުރަކީ ކާބަން ނިއުޓްރަލް ދަތުރަކަށްވާނެކަން އދއިން ވަނީ ފާހަގަކޮށްފައެވެ.
އުމުރުން 18 އަހަރާ 29 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް މި ސަމިޓްގެ "ގްރީންޓިކެޓް" ސްކީމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. 18 އަހަރުން ދަށުގެ ކުދިންނަށްވެސް ކްލައިމެޓް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، އެކަމާ ބެހޭ އިތުރު ތަފްސީލުތައް އެއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އދިން ބުނެއެވެ.
ޔޫއެން ޔޫތް ކްލައިމެޓް ސަމިޓަކީ، އދގެ ސެކްރެޓަރީ ޖެނެރަލް އިސްނަންގަވައިގެން ބާއްވަވާ ކްލައިމެޓް އެކްޝަން ސަމިޓްގެ ކުރިން ބާއްވާ ސަމިޓަކަށްވާއިރު، ކްލައިމެޓް އެކްޝަން ސަމިޓްގައި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވަނީ ގޮވާލައްވާފައެވެ. މި ބައްދަލުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.