ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ތަޖޫރާ އަވަށުގެ ޑިޓެންޝަން ސެންޓަރަކަށް އަމާޒުވި ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

ހަމަލާ އަމާޒުވި ޑިޓެންޝަން ސެންޓަރަކީ، މައިގަނޑު ގޮތެއްގައި، އެފްރިކާ ސަރަހައްދުން ލީބިއާއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ބައިތިއްބާ މަރުކަޒެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސިއްހަތާ ބެހޭ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގެ ރިޕޯޓަރަކު ބުނީ މިހާތަނަށް 35 މީހެއްގެ ހަށިގަނޑު ނަގާފައިވާކަމަށާ، އަދިވެސް އިތުރު ބައެއްގެ ހަށިގަނޑު ފެނުން އެކަށީގެންވާކަމަށެވެ. ލީބިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީއިން ބުނީ މަރުވި މީހުންގެ އަދަދު 40 އަށް އަރާފައިވާކަމަށެވެ.

މަރުވި މީހުންގެ ތެރޭގައިވެސް ގިނައީ އެފްރިކާގެ އެކި ހިސާބުތަކުން ލީބިއާއަށް ހިޖުރަކުރި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ލީބިއާގެ އެމާޖެންސީ ސާވިސަސްގެ ތަރުޖަމާނު އުސާމާ އަލީ ވިދާޅުވީ ހަމަލާ އަމާޒުވިއިރު އެ މަރުކަޒުގައި ގާތްގަނޑަކަށް 120 މީހަކު ތިބޭނެ ކަމަށެވެ. ވައިގެ ހަމަލާ އަމާޒުވީ ސީދާ މަރުކަޒަށްކަންވެސް އުސާމާ ވަނީ ފާހަގަކުރައްވާފައެވެ.

ލީބިއާގައި މިވަގުތު ދާހިލީ ހަމަނުޖެހުންތަކެއް ހިންގަމުންދާއިރު، އދގެ އެއްބާރުލުން ލިބިފައިވާ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ސަރުކާރުން މި ހަމަލާގެ އިލްޒާމް އަޅުވާފައިވަނީ، އިދިކޮޅު ލީބިއަން ނޭޝަނަލް އާމީ (އެލްއެންއޭ)ގެ ބޮލުގައެވެ. އެލްއެންއޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ އަސްކަރީ ޖެނެރަލް، ޚަލީފާ ހަފުތާރެވެ.

ހަނގުރާމައިގެ އާންމު އުކުޅުތަކުން އެދެވޭ ކުރިއެރުންތަކެއް ލިބިފައި ނުވާއިރު، ވައިގެ މަގުން ހަމަލާ ދޭނެ ކަމުގެ އިންޒާރު އެލްއެންއޭއިން މީގެ ކުރިން ދީފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ނަމަވެސް، ޑިޓެންޝަން ސެންޓަރަށް އަމާޒުވި ވައިގެ ހަމަލާގެ ތުހުމަތުތަކަށް އެލްއެންއޭއިންވަނީ އިންކާރުކޮށްފައެވެ.

ހަމަލާ އަމާޒުވި ޑިޓެންޝަން ސެންޓަރުގައި ތިބި ގިނަ މީހުންނަކީ، އެފްރިކާގެ ގައުމުތަކުން ވިލާތަށް ދަތުރުކުރަން މަސައްކަތްކުރުމުގެ ތެރޭގައި، ލީބިއާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ މީހުންނެވެ.