ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު (ޕީޖީ) ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިންތިހާބު ވެވަޑައިގެންފިއެވެ.

އެމްޑީީޕީގެ ޕާލިމެންޓަރީގެ ގުރޫޕުގެ އިންތިހާބުގައި، ލީޑަރުކަމަށް ވާދަ ކުރެއްވީ ވެސް އާޒިމް އެކަންޏެވެ. ޕީޖީ ގުރޫޕުގެ މަގާމު ތަކަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އާޒިމްގެ އިތުރުން ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާއި ހެންވޭރު ދެނުކު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވެސް ވަނީ އެމަގާމަށް ހޮވިވަޑައިގެންފައެވެ. ދެ ޑެޕިއުޓީން ހޮވަން ނިންމި އިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ދެ ބޭފުޅުން އެކަންޏެވެ.

ޕީޖީ ގުރޫޕުގެ އަމީންއާންމަކަށް ކުރިމަތިލެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އަމީންއާންމުގެ ނައިބަކަށް ކުރިމަތިލެއްވި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވެސް ވަނީ އެ މަގާމަށް ހޮވިވަޑައިގެންފައެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 57 މެމްބަރަކު ވޯޓުލެއްވި އެވެ.