މިދިޔަ މަހުން ފެށިގެން އިންފުލުއެންޒާ ބީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭން ވަނީ އިންފުލުއެންޒާއިން ރައްކާތެރިވުމަށް އެކަމަށް ހާއްސަ ވެކްސިން އަވަހަށް ޖެހުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހުގެ 16 އިން ފެށިގެން އިންފުލުއެންޒާ ރޯގާ ޖެހޭ މިންވަރު އިތުރުވަމުންދާ އިރު، ޖޫން 16 އިން ފެށިގެން ޓެސްޓު ކުރި ސާމްޕަލްގެ 40 ޕަސެންޓް އިންފުލުއެންޒާ ބީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މިންވަރު އިތުރުވުމާ ގުޅިގެން، އައިޖީއެމްއެޗުން ވަނީ މިއަދުން ފެށިގެން ފުލޫ ކުލިނިކްގައި އެފަދަ ބަލިމީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ކުލިނިކުން ހިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 12:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އިންފުލުއެންޒާ ޖެހިގެން މިދިޔަ އަހަރުގެ މި ދުވަސް ވަރު ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު، ރޯގާ ޖެހިގެން އެކަކު މަރުވިއެވެ. އަދި 2017 ވަނަ އަހަރު އިންފުލުއެންޒާ އައުޓް ބްރޭކެއްގައި 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު އިރު ހަ މީހަކު މަރުވިއެވެ.
އިންފުލުއެންޒާ އަކީ އިންފުލުއެންޒާ ވައިރަސް އަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔަކެވެ. މިބަލީގެ ސަބަބުން ގިނަ މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާ ޖެހޭ ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާތެރިވެއެވެ.
އިންފުލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިހުން، ބޮލުގައި ރިހުން އަދި ވަރުދެރަވުން ހިމެނެއެވެ.
މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާ އިރު ވައިގެތެރެއަށް ދާ އިންފުލުއެންޒާ ޖަރާސީމު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތް ލުމުންވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ދެއެވެ.