ރާއްޖޭގެ މުޅި ތާރީހަށް ރަންނަމާރި އަރުވާފައި، ތަހުޒީބޭ ކިޔައިގެން ދުނިޔޭގައި ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

19 ވަނަ މަޖިލީހުގެ 15 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލަށް ބަހުސް ކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވީ ގޮތުގެ ވާހަކައަށް ރަންނަމާރި އަރާފައިވާ ފަދައިން މުޅި ދިވެހިރާއްޖޭގެ ތާރީހަށާއި އާސާރުތަކަށް މިވަނީ ރަންނަމާރި އަރާފައި ކަމަށެވެ. އަދި މުޅި ތަރިކައަށް ރަންނަމާރި އަރުވާފައި، ރާއްޖޭގެ ތަރައްގީއާއި، ކުރިމަގާއި، ތަހުޒީބާ ގުޅޭ ގޮތުން ދުނިޔޭގައި ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތް ކަމަށް އެނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ އިސްލާމްވީ ކިހިނެއްކަމެއް އަދި އިސްލާމް ކުރީ މީހަކާމެދު، އެކި މީހުން ކިޔަނީ އެކި ގޮތަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި ރައްކާކުރަންވީ ތާރީހު އައީ ކިހިނެއް ކަމެއް އަދި އާސާރުތައް އައީ ކިހިނެއް ކަމެއް ގިނަ މީހުންނަށް ނޭނގޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަދި ތާރީހަށް ބަލާއިރު އެކި ކަންކަމުގައި ރާއްޖެއަށް ސަލާމާތާއި ރައްކާތެރިކަން ހޯދުމަށް ރާއްޖެއިން ބޭރުގެ އެކި ފަރާތަކުން އެހީތެރިކަން ހޯދާފައިވާ ކަން ވެސް އަލީ ހުސައިންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ބޮޑުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރައްވަން ވެސް ކަންނަނޫރު އަލީރާޖާގެ އަރިހުން އެހީއަށް އެދިވަޑައިގެން އެތަނުންވެސް ބަޔަކު ގެނައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"ރާއްޖޭގެ މުޅި ތާރީހަށް މިވަނީ މިހާރު ރަންނަމާރި އަރާފައޭ. ރައްކާކުރަންވީ ތާރީހް އައީ ކިހިނެއް ކަމެއް އަދި އާސާރުތައް އައީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ"
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ، ރާއްޖެ އިސްލާމް ކުރި މީހާ އެއީ ތަބްރޭޒު ނުވަތަ ބަރުބަރީ ކަމަށް ވިޔަސް އޭނާއަށް ނިސްބަތްވާ މަގާމުފުޅެއް ކެންދޫގައި ޒަމާނުއްސުރެ ހުންނަ ކަމަށެވެ. މިއަދު އެތަނުގެ ހާލަތު ބަލައިލީމަ ވަރަށް ހިތާމަކުރައްވާ ކަން ފާހަގަކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، ކުރީގައި ރ އަތޮޅާއި ބ އަތޮޅު ހުރަސްކޮށްފައި ދާ ބަޔަކު ކެންދޫ ޒިޔާރަތަށް ނަދުރު ބުނަން މަޑުކުރާނެ ކަމަށެވެ. އެގޮތުން ދިވެހިންނަކީ ރީތި ތާރީހެއް އޮތް ބައެއްކަން ފާހަގަ ކުރައްވއަި ރަށްރަށުގައި ހުންނަ އާސާރުތަކާއި ބިނާތައް، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، އިގްތިސޯދީ ގޮތުން ކުރިއަށް ދިއުމަށާއި ފަތުރުވެރިކަމާއި ތަހުޒީބުގެ ދުނިޔެއަކަށް ލޯ ހުޅުވާނަމަ ހިކުމަތްތެރިކަން އިސްކުރަން އެބަ ޖެހޭ ކަމަށެވެ. ރާއްޖޭގެ އާސާރުތަކާއި ބިނާތައް ބަހައްޓަން ޖެހޭ ކަމަށާއި އަދަބީ ތަރިކައިގައި ހިމެނޭ ޅެމާއި ރައިވަރާއި ބަންޖާއި ފަރިއްސަކީވެސް ލިޔެފައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން ރައްކާތެރިކޮށްފައި އެ ތަކެތި ހުރުމަކީ އަންނަން އޮތް ޖީލަށް ދިވެހިންނަކީ ކޮންގޮތަކަށް، ކިހިނެއް އުޅުނު ބައެއްކަން އަންގައިދޭނެ ހަމައެކަނި ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ހުށަހަޅުއްވާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ.