މިހާރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާ ގުޅޭ ފަންޑުތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކްލައިމެޓް އެކްޝަން ސަމިޓް" އަށް ތައްޔާރުވުމަށްޓަކައި އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި މިދިޔަ އާދިއްތަ ދުވަހުން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން ތިމާވެއްޓާއި ސިއްހަތާގުޅޭ ވަޒީރުންގެ ބައްދަލުވުމުގައެވެ.

އެގޮތުން، މިނިސްޓަރު އަމީން ވަނީ މިހާރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާ ގުޅޭ ފަންޑުތަކުގެ އެހީ ލިބޭނެގޮތްތަކެއް ހޯދިގެންދިއުމަކީ ކްލައިމެޓް އެކްޝަން ސަމިޓުން ދިވެހިރާއްޖެ ހާސިލްކުރަންބޭނުންވާ ލަނޑުދަނޑިއެއް ކަން ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ދާއިރާއަކީ ތިމާވެށި ހިމާޔަތްކުރުމަށް ވަރަށް ބޮޑު އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، އެހީދޭ ފަރާތްތަކުން ސިއްހީ ދާއިރާއިން އިސްނަގައިގެން ކުރިއަށް ގެންދާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.

ތިމާވެއްޓާއި ސިއްހަތާގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ މައްސަލަތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި މިކަމުން ދިމާވާ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މިނިސްޓަރު އަމީން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ތިމާވެއްޓާ ގުޅޭ މައްސަލަތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ކްލައިމެޓް އެކްޝަން ސަމިޓްގައި މިނިސްޓަރު އަމީންއާއި މިނިސްޓަރު ޑރ. ހުސައިން ރަޝީދުގެ އިތުރުން ދެ މިނިސްޓްރީގެ ފަންނީ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ތިމާވެއްޓާ ސިއްހަތާ ހުރި ގުޅުމާ އަދި މިކަމަށްދޭ އަހައްމިއްޔަތު ދައްކުވައި ދިނުމުގެ ގޮތުން ސްވިޒްލޭންޑްގެ ޖެނީވާގައި މިދިޔަ މެއި މަހު ކުރިއަށްދިޔަ ވާލްޑް ހެލްތު އެސެމްބްލީ ގެ 72 ވަނަ ބައްދަލުވުމުގައި "އެއާ ޕޮލިއުޝަން، ކްލައިމެޓް ޗޭންޖް، އޯޝަންސް އެންޑް ހެލްތު" އާއި ބެހޭ ސައިޑް އިވެންޓެއްގައި ވެސް މިނިސްޓަރު އަމީން ވަނީ ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.