2012 ވަނަ އަހަރާއި، 2016 ވަނަ އަހަރާ ދެމެދު އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަނުގެ މައުލޫމާތު ފުލުހުންނަށް އެނގުނު ނަމަވެސް، އޭނާ ގެންނަން ޖެހޭ އެއްވެސް މަސައްކަތެއް އެއިރު ކޮށްފައި ނުވާކަމަށް ފުުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ ކުރީގެ އިސްވެރިންނަށް މިކަން އެނގިތިއްބަވާ ލުތުފީ ރާއްޖެ ގެންނަން އަޅަންޖެހޭ ފިޔަވަޅުތައް އޭރު ނާޅާ އޮތް ސަބަބު ތަހުގީގު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފައިވާ ކަމަށެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ލުުތުފީ ފިލައިގެން އުޅެން ފެށި ފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާއި ގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާ ގުޅުންހުރި އިސްވެރިންނާއި ހިއްސާ ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލާ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ޕްރެފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ގައި ކަމަށާއި، އެމްބަސީ އަށް ހާޒިރުވެ ހުކުމް ތަންފީޒުކުރަން އެނބުރި ރާއްޖެ ދާން ބޭނުންވާ ކަމަށް ލުތުފީ ބުނި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީ އާއި ރާއްޖޭގެ ފުލުހުން ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިޔާ އަށް ފޮނުވުމުންނެވެ.
"ސްރީ ލަންކާގެ އެއްވެސް އިދާރާއަކުން ލުތުފީގެ މައްސަލައެއް ބަލަމުން ދޭތޯ އާއި އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ގަވާއިދާ ހިލާފަށް އުޅެފައިވާ މީހަކަށްވާތީ، ސްރީލަންކާގައި އޭނާއަކީ އެއްވެސް މައްސަލައެއްގައި ހޯދާ މީހެއްތޯ ބަލައި އަދި އޭނާއާ މެދު އެއްވެސް ތަހުގީގެއް ހިނގަމުންދޭތޯ ބަލައި އަދި އަބްދުﷲ ލުތުފީއަކީ ރާއްޖޭގެ ސަރުކާރުން ހޯދާ މީހަކަށްވާތީ، ސްރީލަންކާގެ އިދާރާތަކުން ހޯދަންޖެހޭ ކްލިއަރެންސް ހޯދުމުގެ މަސައްކަތްތައް ކުރެވެމުންދެއެވެ،" ބަޔާނުގައި ވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ލުތުފީ ގެނައުމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެ ގައުމުގެ ޕޮލިސް ފޯސްގެ އެކްޓިން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ސީޑީ ވިކްރަމަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް ރަވީ ސެނަވިރަތުނަ އަށް ފޯނުން އަދި ސިޓީން އެކި ފަހަރުމަތިން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ލުތުފީގެ ކައިރީގައި ދިވެހި ފުލުހުންގެ ޓީމެއް އެ ގައުމުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.