ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކުށްވެރި ނުވާނަމަ، ކުށްވެރި ވާނީ އެދުވަހު، ގައުމަށްޓަކައި ޝަހީދުވި އަބްތޯލުންތޯ ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.

ފޭސްބުކްގައި ހިޔާލު ފާޅު ކުރައްވަމުން އަދުރޭ ވިދާޅުވީ، މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅިން އާ ވާހަކަތަކެއް އުފައްދައިގެން ލުތުފީ އަކީ ކުށެއް ނެތް މައުސޫމް މީހަކަށް ހެދުމަށް ކަމަށެވެ. އަދި އެކަން އެހެން ވެއްޖެނަމަ ކުށްވެރިވާނީ އެދުވަހު މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ޝަހީދުވެ ދިޔަ އަބްތޯލުންތޯ ނޫނީ އެ އުދުވާނުން ދީނާއި ގައުމު ސަލާމަތް ކޮށްދެއްވި ފަހުރުވެރި ދިވެހި ސިފައިންތޯ މިހާރު ސުވާލު އުފެދޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ކުށެއް ނެތް މައުސޫމް 19 ދިވެހިން ޝަހީދު ކޮށްލައި، މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އުދުވާނުންގެ އެންމެ އިސް ލީޑަރު ހިމާޔަތް ކުރުން ރައީސްް އިބްރާހިމް މުހައްމަދު ސޯލިހަށް މުހިންމު ވެގެން މިއުޅެނީ ކީއްވެގެން ކަން މިއަދު ކޮންމެ ދިވެއްސަކަށް ވެސް އިނގޭނެ ކަމަށެވެ. އެގޮތުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅަކީ (ސިއްކަ) ކަމަށާއި، އޭނާއާއި ލުތުފީ އާކީ ރާއްޖެއަށް އުދުވާން ގެނައުމުގައި ޕާޓްނަރުން ކަމަށެވެ.

ސުވާލަކީ މިފަދަ މީހަކަށް ރައްޔިތުންނަށް އިންސާފު ހޯދާދެވިދާނެ ހެއްޔެވެ. ގައުމަށް ވަފާތެރި ވެވޭނީ ކިހާ ވަރަކަށް ތޯއެެވެ. ގާނޫނަށް ތަންފީޒު ކުރެވޭނީ ކިހާ މިންވަރަކަށް ބާވައެވެ.
އަބްދުއްރަހީމް

އަދުރޭ ވިދާޅުވީ، ރައީސް ސޯލިހަށް ގައުމީ މައްސަލަހަތައް ވުރެ އާއިލީ މަސްލަހަތަށް އިސްކަން ދޭން މަޖުބޫރު ވަނީ ކަމަށާއި، ރައްޔިތުން ކެކި އަރާއިރު ހަނު ހުރުން ނޫން އެހެން ގޮތެއް ރައީސް ސޯލިހަށް ނެތީ ކަމަށެވެ. އަދުރޭ ވަނީ ރައީސް ސޯލިހް ފަދަ މީހަކަށް ރައްޔިތުންނަށް އިންސާފު ހޯދާދެވިދާނެ ތޯ އަދި ގައުމަށް ވަފާތެރި ވެވޭނީ ކިހާ ވަރަކަށް ތޯ އަދި ގާނޫނަށް ތަންފީޒު ކުރެވޭނީ ކިހާ މިންވަރަކަށްތޯ އަހާ ސުވާލު އުފައްދާފައެވެ.

ނޮވެމްބަރު 3 ގެ އުދުވާނުގައި ޝަހީދުވެ ދިޔައީވެސް ހަމަ ދިވެހި ދަރިން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ ޝަހީދުންގެ ވެސް އަނބި ދަރިން، މައިން ބަފައިން، އާއިލާ އޮންނާނެ ކަމަށާއި އެމީހުންގެ ވެސް ހައްގުތަކެއް ވާނެކަން އަދި އިންސާފު ބޭނުންވާނެ ކަން ކަށަވަރު ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ މިއީ ހިތާމައިގެ ކޮޅެއްނެތް ދެރަ ކަމެއް ކަމަށާއި، ގައުމު މިދަނީ ނުބައި، ނުރައްކާތެރި މަންޒިލަކާ ދިމާއަށް ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ލުތުފީގެ ނަމުގައި މިހާރު ޓްވިޓާ އެކައުންޓެއްވެސް ހިންގަމުން އެބަދެއެވެ. އިއްޔެގެ ވަގުތެއްގައި ހުޅުވި މި އެކައުންޓުން، ލުތުފީގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމުގެ މަގުސަދުގައި ޓްވީޓްތައް ދަނީ ކުރަމުންނެވެ.