ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުރިކަން އެގައުމުގެ ފުލުހުންނަށް ނޭނގޭކަމަށް ލަންކާއިން ބުނެފިއެވެ.

ލަންކާ ފުލުހުން މިކަން ހާމަކޮށްފައި ވަނީ، މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ އުޅޭކަން ފަޅާއަރާ، އެ މައްސަލައިގައި ދިވެހި ސަރުކާރު ހޫނުފެނަށް ވެއްޓި، ފަހުން އޭނާ ގެންނަން މަސައްކަތް ކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.

ލުތުފީ ބޭސްފަރުވާއަށް ދިޔައީ 2010 ވަނަ އަހަރުއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުުތުފީ ބޭސްފަރުވާއަށް ފޮނުވުމުން، އޭގެ ފަހުން އޭނާ އުޅެނީ ލަންކާގައި ފިލައިގެންނެވެ.

އެމްބަސީގައި ލުތުފީ ހުރިކަން އެނގުމާއެކު އޭނާ ގެންނަނީ ކަމަށް މިިދިޔަ އަންގާރު ފުލުހުން ބުނެފައިވެއެވެ. އަދި 48 ގަޑި އިރު ތެރޭގައި ގެންނާނެ ކަމަށް ބުނި ނަމަވެސް، އޭނާ އަދިވެސް ރާއްޖެ ގެނެވިފައި ނުވެއެވެ. އަދި ފުލުހުން ބުނެފައިވަނީ ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައި ނުވާތީ އޭނާ ގެނައުމުގައި ހުރަސްތަކެއް ހުރި ކަމަށެވެ.

ލަންކާގެ "ނިއުސް ފަސްޓް" ނޫހުގައި ރިޕޯޓްކޮށްފައި ވަނީ، ލުތުފީއާ ބެހޭ ގޮތުން ލަންކާގެ ފުލުހުންނާ ސުވާލު ކުރުމުން، ލުތުފީއާ ގުޅޭ މައުލޫމާތު ލިބިފައި އެގަމުގެ ފުލުހުންނަށް ލިބިފައި ނެތް ކަމަށެވެ. އަދި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ލިބިފައިވާ ޑިޕްލޮމެޓިކް އިމިއުނިޓީ ބޭނުން ކޮށްގެން ޓެރަރިސްޓަކަށް ހިމާޔަތް ދިން މައްސަލައިގައި ލަންކާގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން އުޅެ ނުލިބުނު ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ލުތުފީ އެމްބަސީގައި ބަހައްޓާފައި ހުރީ ލަންކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް، އެކަން ލަންކާގެ ފުލުހުން ވަނީ ދޮގުކޮށްފައެވެ. އަދި ލުތުފީ އެމްބަސީގައި ހުރިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ.

ލަންކާ އެމްބަސީއަށް ލުތުފީ ވަން ދުވަހާ މެދު ސުވާލު އުފެދިފައި ވާއިރު ސަރުކާރުން ހާމަ ކުރި ތާރީހުން ގުނަންޏާ ލުތުފީ ހުންނަތާ 7 ހަފްތާ ފަހުން އޭނާ އެތަނުގައި ހުރިކަން ދިވެހި ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި މީގެ ކުރިން ލުތުފީއާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ލުތުފީ ލަންކާގެ އެމްބަސީގައި ހުރިކަން ހާމަ ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރު ނަސީރު ވިދާޅުވީ ލުތުފީ ހުންނަނީ އެމްބަސީގައި ވީއައިޕީ ފެންވަރުގައި ކަމަށާއި، ނިދަނީ އެމްބެސަޑަރު ކޮޓަރިއާއި ޖެހިގެން ހުންނަ ކޮޓަރީގައި ކަމަށެވެ. އަދި ދުއްވަން ބޭނުން ކުރަނީ ޑިޕްލޮމެޓިކް ކާރުކަމަށް އުމަރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ޕާޓީތަކުން ބުނެފައިވަނީ ލުތުފީ މައްސަލައިގައި ސަރުކާރުން ހަދަނީ ދޮގު ކަމަށާ، ލުތުފީ އެމްބަސީއަށް ވަދެފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ.

ލުތުފީގެ ނަމުގައި މިހާރު ޓްވިޓާ އެކައުންޓެއްވެސް ހިންގަމުން އެބަދެއެވެ. އިއްޔެގެ ވަގުތެއްގައި ހުޅުވި މި އެކައުންޓުން، ލުތުފީގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމުގެ މަގުސަދުގައި ޓްވީޓްތައް ދަނީ ކުރަމުންނެވެ.